ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 1.4 މިލިއަނަށް އަރާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އިއްޔެ ނެރުނު ރިޕޯޓުން ދައްކާގޮތުން މި މަހުގެ މިހާތަނަށް 43،272 ފަތުރުވެރިން ރާއްޖެ އައިސްފައި ވެއެވެ. މިއާއެކު މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 1،404،320 އަށް އަރައެވެ.

މި އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައީ ރަޝިއާއިންނެވެ. އެއީ 161،461 ފަތުރުވެރިންނެވެ.

ރިޕޯޓުގައިވާ ގޮތުން ޗައިނާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ވަނީ އިތުރުވެފައެވެ. އެގޮތުން، މި މަހުގެ މިހާތަނަށް ޗައިނާއިން 153،989 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. މިއާއެކު ޗައިނާ ވަނީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކުގެ ލިސްޓުގެ ދެވަނައަށް އަރައިފައެވެ.

މީގެ ކުރިން ޗައިނާ އޮތީ އެ ލިސްޓުގެ ތިންވަނައިގައެވެ. އަދި އެ ލިސްޓުގެ ދެވަނައިގައި މީގެ ކުރިން އޮތް އިންޑިއާ މިހާރު އޮތީ ލިސްޓުގެ ތިންވަނައިގައެވެ.