ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ގުނޫތު ކިޔުމަށް މިސްކިތްތަކުގެ އިމާމުންނަށް އިސްލާމިކް މިނިސްޓްރީން އަންގައިފިއެވެ.
އެ މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އިޒްރޭލު ސިފައިންގެ ފަރާތުން ޕަލަސްތީނުގެ ރައްޔިތުންނަށް ލިބެމުންދާ އަނިޔާތަކާއި ލާއިންސާނީ އަމަލުތަކުން ސަލާމަތް ކޮށްދެއްވައި، ފަލަސްތީނުގެ ރައްޔިތުންނަށް ކެތްތެރިކަން ދެއްވުމަށް އެދި، ރާއްޖޭގެ ހުރިހާ ރަށެއްގައި ގުނޫނު ނާޒިލާ ކިޔުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ގުނޫތު ނާޒިލާއަކީ ބޮޑު ކާރިސާއެއް ކުރިމަތިވުމުން ނަމާދުގެ ފަހު ރަކުއަތުގައި ކިޔާ ހާއްސަ ގުނޫތެކެވެ.
އިސްލާމިކް މިނިސްޓްރީން ވަނީ މީގެ ކުރިންވެސް ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ކޮންމެ ނަމާދެއްގައި ގުނޫތު ނާޒިލާ ކިޔަން އަންގައިފައެވެ.
ރާއްޖޭގައި ގުނޫތު ކިޔުމަށް ނިންމާފައިވާ އިރު، ފަލަސްތީނަށް އެހީތެރިވުމުގެ ގޮތުން ރާއްޖެއިން ވަނީ ފަންޑެއް ވެސް ހުޅުވައިފައެވެ. އެގޮތުން އެ ފަންޑަށް 2.5 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) ވަނީ ބުނެފައެވެ. މީގެ އިތުރުން ފަލަސްތީނަށް އެހީވުމަށާއި ރާއްޖޭގެ ރައްޔިތުން ތިބީ ފަލަސްތީނާއެކުކަން ހާމަކުރުމަށް އިތުރު ހަރަކާތްތަކެއްވެސް ބޭއްވުމަށް އައިއޭސީން އަންނަނީ ރާވަމުންނެވެ.
ހަމާސްއިން އިޒްރޭލަށް ދިން ކުއްލި ހަމާލާއަށް ފަހު އިޒްރޭލުން ވަނީ ހަނގުރާމަ އިއުލާންކޮށްފައެވެ. އަދި އެޔަށްފަހު ހުއްޓުމެއް ނެތި ހަމަލާ ދެމުންދާއިރު، ގާޒާގައި މީހުން ދިރިއުޅޭ ގިނަ އިމާރާތްތަކެއްވެސް ވަނީ ބިމާ ހަމަކޮށްލައިފައެވެ.
އެ ހަނގުރާމައިގައި ގާޒާގެ 950 އަށްވުރެ ގިނާ މީހުން މަރުވެފައިވާ އިރު، ޒަހަމްވި މީހުން އަދަދު 5،000 އަށްވުރެ މައްޗަށް އަރައެވެ.
ބޭރުގެ މީޑިއަތަކުން ރިޕޮޓުކޮށްފައިވާ ގޮތުން ގާޒާގެ 260،000 އަށްވުރެ ގިނަ މީހުން މަގުމަތިވެފައިވާ އިރު، 175،000 މީހުން ތިބީ ރައްކާތެރިކަން ހޯދުމަށް އދ. އިން ހިންގާ ސްކޫލުތަކަށް ޖަމާވެފައެވެ.
ޕަލަސްޓީނިއަން ލިބަރޭޝަން އޯގަނައިޒޭޝަން (ޕީއެލްއޯ) އާ ހަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އިސްރާއީލުން ވަނީ ކާނާ އާއި ސިއްހީ ސާމާނު އެތެރެ ކުރުމަށް ހުއްދައަށް އެދުމުން އެކަމަށް ދެކޮޅު ހަދައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު