ލިވަޕޫލާއި ޓޮޓެންހަމް ވާދަކުރި މެޗުގައި ވީއޭއާރުން ހެދުނު ގޯސް އަލުން ތަކުރާރުވިޔަ ނުދިނުމަށް ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް ޕްރިމިއާ ލީގުގެ އިސް ރެފްރީ ހޮވާޑް ވެބް ބުނެފިއެވެ.
ޓޮޓެންހަމްއިން ލީގުގައި ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗުގައި ވީއޭއާރްގެ ބޭނުންކޮށްގެންވެސް ރެފްރީ ބޮޑު ގޯހެއް ހެދިތަން ފެނިގެން ގޮސްފައިވެއެވެ. އެމެޗުން ޓޮޓެންހަމް 2-1 އިން މޮޅުވެފައިވާ އިރު، ލިވަޕޫލާ ދެކޮޅަށް ރެފްރީ ވަނީ ގޯސް ނިންމުމެއް ނިންމައިފައެވެ.
އެ މެޗުގައި ލިވަޕޫލްގެ ލުއިސް ޑިއާޒް ޖެހި ގޯލެއް އޮފްސައިޑް ކަމަށް ދެއްކީ ގޯސްކޮށެވެ. ލައިސްމަން، ޑިއާޒް އޮފްސައިޑް ކަމަށް މެޗުގައި ނުބައިކޮށް ނިންމި ނަމަވެސް، ވީއޭއާރް ބަލަން ތިބި ޑެރެން އިންގްލެންޑާއި ޑޭން ކުކްވެސް އެ ނުބައި ރަނގަޅު ކޮށްދީފައެއް ނުވެއެވެ. ވީއޭއާރާއި މެޗު ރެފްރީއާ ދެމެދު ދެކެވުނު ވާހަކަތައްވެސް ލިވަޕޫލުން އެދިގެން ހާމަކޮށްފައިވާ އިރު، އެއީ ވާހަކަ ދެކެވުމުގައި ދިމާވި ބޮޑު އޮޅުމެއް ކަމަށްވެސް މިހާރު ވަނީ އެނގިފައެވެ.
ވެބް ބުނީ ވާހަކަ ދެއްކުމުގައި ދިމާވާ މައްސަލަތައް ހައްލުކުރަން ވަކި ޕްރޮޓޮކޯލްތަކެއް ގާއިމުކޮށްފައިވާ ކަމަށެވެ. ކުރިން ޕްރިމިއާ ލީގު މެޗުތަކުގައި ރެފްރީކަން ކުރުމުގައި މަގުބޫލުކަން ހޯދި ވެބް ބުނީ މުއާސަލާތު ކުރުމަށް ވަކި ބަސްތަކެއް ބޭނުންކުރަން މުހިއްމު ކަމަށް ފެންނަ ކަމަށާއި ކުރިން އެކަން އޮންނަނީ ރެފްރީންގެ އަތްމައްޗަށް ދޫކޮށްލާފައި ކަމަށެވެ.
ވެބް ބުނީ ލިވަޕޫލް މެޗުގައި ދިމާވި ކަންކަން ރިވިއުކޮށް ބަލައި، ރެފްރީންނަށް އެ ގޯސްތައް ކިޔައިދެވިފައިވާނެ ކަމަށެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު