ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް (ސީއެސްއެމް) އިން ބާއްވާ "ޕިންކް ރިބަން ރަން ވޯކް" އަންނަ ހޮނިހިރު ދުވަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބާއްވަން ނިންމައިފިއެވެ.

ޕިންކް ރިބަން ރަން ވޯކް އަކީ ކެންސަރަށް އާންމުން ހޭލުންތެރި ކުރުމަށް ސީއެސްއެމް އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގުޅިގެން ބާއްވާ އިވެންޓެކެވެ.

ބީއެމްއެލުން މިއަދު ބުނީ އެ އިވެންޓު ހުޅުމާލެ އާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އޮންނާނެ ކަމަށެވެ. އަދި ހުރިހާ ސަރަހައްދަކުންވެސް އެއް ގަޑިއެއްގައި އެ އިވެންޓު ފަށާނީ ހޮނިހިރު ދުވަހު ހަވީރު 4:00 ގައެވެ.

ދުވުމުގައި ބެނުންކުރާ ބިބް މަޖީދީ މަގުގައި ހުންނަ ސޮނީ ސްޕޯޓްސް ލައިފް ސްޓައިލް ފިހާރައިންނާއި ބޮޑުތަކުރުފާނު މަގުގައި ހުންނަ ސޮނީ ސްޕޯޓްސް އައުޓްލެޓް ސްޓޯރުގެ އިތުރުން ހުޅުމާލޭ ސޮނީ ސްޕޯޓްސް އައުޓްލެޓް ސްޓޯރުން ލިބެން ހުންނާނެއެވެ. އަދި އިވެންޓު އޮންނަ އެހެން ރަށްތަކުންވެސް ބިބް ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފައެވެ.

"ޕިންކް ރިބަން ރަން ވޯކް" ކޮންމެ އަހަރުވެސް ބާއްވަމުން އަންނަނީ އޮކްޓޫބަރު މަހުގައެވެ. 2016 ވަނަ އަހަރުން ފެށިގެން ބީއެމްއެލްއިން އަންނަނީ ޕިންކް ރިބަން ރަން ވޯކްއަށާއި ކެންސާ ސްކްރީން ކުރުން ފަދަ ސީއެސްއެމްގެ އެހެން އިވެންޓުތަކަށްވެސް އެހީތެރި ވަމުންނެވެ.