"ބިއޯންޑް"އާ އެކު ދިވެހިންނަށް އެއާލައިންގެ 1500 ވަޒީފާގެ ފުރުސަތު ފަހިވާނެ ކަމަށް ސިމްޑީގެ ސީއީއޯ ޑރ. މަރިޔަމް ޝަކީލާ ވިދާޅުވެއްޖެއެވެ.

ޑރ. ޝަކީލާ މިހެން ވިދާޅުވީ، ރާއްޖެއިން އޮޕަރޭޓް ކުރާ, ދުނިޔޭގެ ފުރަތަމަ ޕްރިމިއަމް ލެޝާ އެއާލައިން, ބިއޯންޑް ރަސްމީކޮށް ލޯންޗުކުރުމަށް ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓުގައި އިއްޔެ ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"ބިއޯންޑް އެއާލައިންގެ ސަބަބުން ކުރިއަށް އޮތްތަނުގައި 1500 އެއްހާ ވަޒީފާތައް އުފެދިގެންދާނެ. އުންމީދަކީ އެ އެއާލައިންގެ ސަބަބުން ގައުމުގެ އިގުތިސާދަށް ސިދާ ގޮތުންނާއި ނުސީދާ ގޮތުން ނަފާވާނެ ވިޔަފާރިއަކަށްވުން،" ކަމަށް ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ޑރ. ޝަކީލާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި މި އެއާލައިނުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން އިތުރު ހަރުފަތަކަށް ފުޅާވެގެންދާނެ މަގު ފަހިކޮށްދޭނެ ކަމަށާއި މިހާރުވެސް ރާއްޖެއަކީ އެކި ގައުމުތަކުގެ މެދުގައި ފަތުރުވެރިކަމުގެ ދާއިރާއިން މަގުބޫލު ގައުމެއް ކަމަށެވެ.

މީގެއިތުރުން އިއްޔެ ރާއްޖެ އައި މި އެއާލައިނަކީ އޭވިއޭޝަން ދާއިރާގެ ހިދުމަތް ފުޅާކޮށް އާ އުސްމިންތަކަކަށް ގެންދަން މިސްރާބު ބަދަލުކޮށްލާނެ އެއާލައިނެއް ކަމަށްވެސް ޑރ. ޝަކީލާ ވިދާޅުވިއެވެ.

"ސިމްޑީއަކީ ފެށުނީއްސުރެ ވެސް ޓޫރިޒަމްގެ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ ކުންފުންޏެއް. އަދި އިޖުތިމާއީ ޓޫރިޒަމްގެ ދާއިރާ އިތުރަށް ފުޅާކުރުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް އެކިއެކި ގައުމާއި އެކު ކުރަމުންދާ، ދާއިރާއާ ގުޅުންހުރި އެތަކެއް ވިޔަފާރިއެއް ކުރަމުންދާ ކުންފުންޏެއް," ޑރ. ޝަކީލާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ލަގްޒަރީ ޓޫރިޒަމް ރާއްޖެއަށް ތައާރަފް ކުރީ. ވަން އެންޑް އޮންލީ ބްރޭންޑު މިތަނަށް ގެނެސް. ފަތުރުވެރިކަމަށް އަޅުގަނޑުމެންގެ ކުންފުނިން ބޮޑު ބަދަލެއް ގެނައިން. އަނެއްކާ ވެސް އަޅުގަނޑުމެންގެ ކުންފުނިން އަމާޒު މިހިފީ މި ދާއިރާ އިތުރަށް ފުޅާކުރަން." ޑރ. ޝަކީލާ ވިދާޅުވިއެވެ.

އޭ320 މަރުކާގެ މި ފްލައިޓުގައި ހުންނަނީ 44 ގޮނޑިއެވެ. މިއީ މުޅިންވެސް ލަގްޒަރީ އޯލް ލޭ ފްލެޓް ކޮންފިގަރޭޝަން ގޮނޑިތަކެކެވެ.

ބިއޯންޑްގެ ދަތުރުތައް އަންނަ ނޮވެމްބަރު މަހުގެ ނުވަވަނަ ދުވަހު ފަށަން ނިންމާފައިވަނީ ސައުދީ އަރަބިއާގެ ރިޔާލަށެވެ. އެއަށްފަހު އެ މަހުގެ 15 ވަނަ ދުވަހު ޖަރުމަނުގެ މިޔުނިކަށް އަދި 17 ވަނަ ދުވަހު ސުވިޓްޒަލޭންޑުގެ ޒޫރިކް ދަތުރުތައް ފަށާނެއެވެ.

ބިއޯންޑްއިން ހަފުތާގެ ދެ ދުވަހު ދަތުރުތައް ކުރުމަށް ހަމަޖެހިފައިވާއިރު އެ އެއާލައިންގެ ވެބްސައިޓު މެދުވެރިކޮށް ބުކިންއަށް ވަނީ މިހާރު ހުޅުވާލައިފައެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ބިއޯންޑްގެ ސީއީއޯ ޓެރޯ ޓަސްކިލާ ވިދާޅުވީ ބިއޯންޑްގެ ދެވަނަ ބޯޓުގެ ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ އިޓަލީގެ މިލާން އާއި ތައިލެންޑުގެ ބެންކޮކާއި ދުބާއީއަށް ކަމަށެވެ. އަދި ތިންވަނަ ބޯޓާއެކު ޗައިނާގެ ބެއިޖިން އަދި ޝެންހާއީ އާއި ޔޫރަޕްގެ އިތުރު މަންޒިލަކަށް ދަތުރުތައް ފަށާނެ ކަމަށް ވިދާޅުވިއެވެ.