ޔޫރޯ 2028 ބޭއްވުމުގެ ފުރުސަތު އިނގިރޭސިވިލާތާއި އަޔަލެންޑަށް ދީފިއެވެ.

ޔޫއެފާ އިން ވަނީ ޔޫރޯ 2028 ހޮސްޓްކުރުމަށް އިނގިރޭސިވިލާތާއި އަޔަލެންޑުން ހުށަހެޅި ޖޮއިންޓް ބިޑު ކާމިޔާބުވެފައިވާކަން އިއުލާންކޮށްފައެވެ. އެހެންކަމުން ޔޫރޯ 2028 ބޭއްވިގެންދާނީ އިންގްލެންޑް، ސްކޮޓްލެންޑް، ވޭލްސް، ނޮދަން އަޔަލެންޑް އަދި ރިޕަބްލިކް އޮފް އަޔަލެންޑުގައެވެ. އެ މުބާރާތް ބޭއްވުމަށް ކުރި ބިޑުގައި ދިހަ ސްޓޭޑިއަމެއްގައި މެޗުތައް ކުޅެވިގެންދާނެ ކަމަށް ވަނީ ހުށަހަޅައިފައެވެ.

އެ ބިޑުގައިވާ ގޮތުން ޔޫރޯ 2028 ކުޅެވޭނީ ވެމްބްލީ ސްޓޭޑިއަމް، ޓޮޓެންހަމް ހޮޓްސްޕާ ސްޓޭޑިއަމް، މެންޗެސްޓާ ސިޓީގެ އެތިހާދް ސްޓޭޑިއަމް، އެވަޓަންގެ ބްރަމްލީ މޫ ޑޮކް ސްޓޭޑިއަމް، ވިލާ ޕާކް، ސެއިންޓް ޖޭމްސް ޕާކް، ކޭސްމެންޓް ޕާކް، ޑަބްލިން އެރީނާ، ހެމްޕްޑެން ޕާކް އަދި ކާޑިފް ނޭޝަނަލް ސްޓޭޑިއަމްގައެވެ.

އިނގިރޭސިވިލާތާއި އަޔަލެންޑްގެ ޖޮއިންޓް ބިޑުގެ އިތުރުން ޔޫރޯ 2028 އަށް ބިޑުކޮށްފައިވަނީ ތުރުކީންނެވެ. ނަމަވެސް މިހާރު ތުރުކީން ވަނީ 2032 ބޭއްވުމަށް އިޓަލީއާއެކު ޖޮއިންޓް ބިޑެއް ހުށަހެޅުމަށް ނިންމައިފައެވެ.

"ޔޫރޯ 2023 ބޭއްވުމަށް ލިޔެކިޔުންތައް ހުށަހެޅުމުގެ ފުރުސަތު އިޓަލީގެ ފުޓުބޯޅަ ފެޑެރޭޝަނާއި ތުރުކީ ފުޓުބޯޅަ ފެޑެރޭޝަނަށް ޔޫއެފާ އިން ވާނީ ދީފައި. އެ ދެ ފެޑެރޭޝަންގެ ޖޮއިންޓް ބިޑު، އަންނަ އޮކްޓޯބަރު މަހުގެ ދިހަވަނަ ދުވަހު ބާއްވާ ޔޫއެފާ ހިންގާ ކޮމިޓީގެ ބައްދަލުވުމަށް ހުށަހެޅުމަށް ވަނީ ތާވަލުކޮށްފައި،" ޔޫއެފާ އިން ނެރުނު ބަޔާނެއްގައި ބުންޏެވެ.

ކުރިއަށްއޮތް ޔޫރޯ 2024 ބޭއްވުމަށް ހަމަޖެހިފައިވަނީ ޖަރުމަންގައެވެ. އެ މުބާރާތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖޫން މަހުގެ 12 އިން ޖުލައި މަހުގެ 12 އަށެވެ.