ރާއްޖެއިން އޮޕަރޭޓް ކުރާ, ދުނިޔޭގެ ފުރަތަމަ ޕްރިމިއަމް ލެޝާ އެއާލައިން, ބިއޯންޑް ރަސްމީކޮށް ލޯންޗުކޮށް އެއާލައިންގެ ފުރަތަމަ ބޯޓު މިއަދު ރާއްޖެ ގެނެސްފިއެވެ.

ރާއްޖޭގެ ސިމްޑީ ގްރޫޕާއި ޔޫއޭއީގެ އަރަބެސްކް ގުޅިގެން އުފައްދާފައިވާ އެއާލައިން، ބިއޯންޑްގެ ފުރަތަމަ ބޯޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް މިއަދު މެންދުރު 12:30 ގައި ޖެއްސުމުން ރަންވޭ މަތިން ވަނީ ވޯޓަ ސެލިއުޓްގެ މަރުހަބާއެއްވެސް ކިޔާފައެވެ.

އޭ320 މަރުކާގެ މި ފްލައިޓުގައި ހުންނަނީ 44 ގޮނޑިއެވެ. މިއީ މުޅިންވެސް ލަގްޒަރީ އޯލް ލޭ ފްލެޓް ކޮންފިގަރޭޝަން ގޮނޑިތަކެކެވެ.

ބިއޯންޑްގެ ދަތުރުތައް އަންނަ ނޮވެމްބަރު މަހުގެ ނުވަވަނަ ދުވަހު ފަށަން ނިންމާފައިވަނީ ސައުދީ އަރަބިއާގެ ރިޔާލަށެވެ. އެއަށްފަހު އެ މަހުގެ 15 ވަނަ ދުވަހު ޖަރުމަނުގެ މިޔުނިކަށް އަދި 17 ވަނަ ދުވަހު ސުވިޓްޒަލޭންޑުގެ ޒޫރިކް ދަތުރުތައް ފަށާނެއެވެ.

ބިއޯންޑްއިން ހަފުތާގެ ދެ ދުވަހު ދަތުރުތައް ކުރުމަށް ހަމަޖެހިފައިވާއިރު އެ އެއާލައިންގެ ވެބްސައިޓު މެދުވެރިކޮށް ބުކިންއަށް ވަނީ މިހާރު ހުޅުވާލައިފައެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ބިއޯންޑްގެ ސީއީއޯ ޓެރޯ ޓަސްކިލާ ވިދާޅުވީ ބިއޯންޑްގެ ދެވަނަ ބޯޓުގެ ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ އިޓަލީގެ މިލާން އާއި ތައިލެންޑުގެ ބެންކޮކާއި ދުބާއީއަށް ކަމަށެވެ. އަދި ތިންވަނަ ބޯޓާއެކު ޗައިނާގެ ބެއިޖިން އަދި ޝެންހާއީ އާއި ޔޫރަޕްގެ އިތުރު މަންޒިލަކަށް ދަތުރުތައް ފަށާނެ ކަމަށް ވިދާޅުވިއެވެ.

ސިމްޑީ ކުންފުނީގެ ސީއީއޯ ޑރ. މަރިޔަމް ޝަކީލާ ވިދާޅުވީ، ބިއޯންޑް އެއާލައިންގެ ސަބަބުން ކުރިއަށް އޮތްތަނުގައި 1500 އެއްހާ ވަޒީފާތައް އުފެދިގެންދާނެ ކަމަށާއި އުންމީދަކީ އެ އެއާލައިންގެ ސަބަބުން ގައުމުގެ އިގުތިސާދަށް ސިދާ ގޮތުންނާއި ނުސީދާ ގޮތުން ނަފާވާނެ ވިޔަފާރިއަކަށްވުން ކަމަށެވެ.