އަނިޔާގެ ސަބަބުން ރޭ މެންޗެސްޓާ ސިޓީއާ ދެކޮޅަށް ރެސްޓް ކުރި އާސެނަލްގެ އިންގްލެންޑް ވިންގް، ބުކަޔޯ ސަކާ މިވަގުތު ގައުމީ ޓީމަށް ނުކުޅޭނެ ކަމަށް ކޯޗު މިކޭލް އާޓެޓާ ބުނެފިއެވެ.

އާސެނަލުން ރޭ ސިޓީއާ ދެކޮޅަށް ކުޅުނު މެޗު 1-0 އިން ކާމިޔާބުކުރީ ޓީމުގެ ތަރި ސަކާއާ ނުލައެވެ. އެޓީމުން މިދިޔަ ހަފުތާގެ ޗެމްޕިއަންސް ލީގުގައި ލެންސާ ދެކޮޅަށް ކުޅެ ބަލިވި މެޗުގައި ސަކާއަށް އަނިޔާވެ ބާލަން ޖެހިފައިވާ އިރު، އެ މެޗުގެ ކުރިންވެސް އޭނާ ހުރީ ކޮންމެވެސް ވައެއްގެ އަނިޔާއެއްގައެވެ. ރޭގެ މެޗު ސަކާއަށް ގެއްލުނީ އޭގެ ކުރިން އާޓެޓާގެ ކޯޗުކަމުގައި އާސެނަލުން ކުޅުނު 87 މެޗެއް ޖެހިޖެހިގެން ކުޅުމަށްފަހުއެވެ.

"އިންގްލެންޑް ސްކޮޑާ ސަކާ ނުގުޅޭނެ. ސަކާ ރޭގެ މެޗަށް ނުކުންނަން މައްސަލައެއް ނެތް ކަމަށް ޑޮކްޓަރުން އިރުޝާދު ދިން ނަމަވެސް، މެޗުގެ ކުރިން އެއްވެސް ފަރިތަކުރުމެއްގައި ބައިވެރިވެފައެއް ނުވޭ،" އާޓެޓާ ބުންޏެވެ.

އިންގްލެންޑުން މިމަހުގެ 13 ވަނަ ދުވަހު އޮސްޓްރޭލިއާއާ ދެކޮޅަށް އެކުވެރިކަމުގެ މެޗެއް ކުޅުމަށް ނިންމާފައިވާ އިރު، އޭގެ ފަހުން ދެން ނުކުންނާނީ ޔޫރޯ ކޮލިފިކޭޝަންގައި އިޓަލީއާ ދެކޮޅަށް ކުޅޭ މެޗަށެވެ. އެ މެޗަށް އިންގްލެންޑްގެ ކޯޗު ގެރެތު ސައުތުގޭޓް ނެގި ސްކޮޑުގައި ސަކާ ހިމަނާފައި ނުވާ އިރު، ސަކާގެ އަނިޔާގެ ތަފްސީލެއް، އަދި ކުޅުމާ ދުރުގައި ހުންނާނެ މުއްދަތެއް އާޓެޓާ ހާމަކޮށްފައެއް ނުވެއެވެ.

ސައުތުގޭޓް ބުނީ އުމުރުން 22 އަހަރުގެ ސަކާ ގައުމީ ޓީމަށް ކުޅުވައިގެން ރިސްކެއް ނަގަން ބޭނުން ނުވާ ކަމަށާއި، ކްލަބުތަކާއެކު ވާހަކަ ދެކެވި ކުޅުންތެރިންނަށް އެންމެ ރަނގަޅު ނިންމުން ނިންމަން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށެވެ.