ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ބޭއްވުމަށް ބޭނުންވާ ކޯރަމް ހަމަނުވެގެން މިއަދުގެ ޖަލްސާ ބޭއްވޭ ގޮތެއް ނުވިއެވެ.
މިއަދުގެ ޖަލްސާ ފެއްޓުމަށް ރިޔާސަތަށް ވަޑައިގެން އިންނެވީ މަޖިލީހުގެ ނައިބު ރައީސް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲއެވެ.
ޖަލްސާ ފަށަން ޖެހޭ ގަޑި ފަހަނައަޅައި ގޮސް، 9:06 ގައި ރިޔާސަތުގައި އިންނަވައި ޖަލްސާ ކުރިއަށް ނުގެންދެވުނު އިއުލާން ކުރެއްވުމަށްޓަކައި، އީވާ ވިދާޅުވީ، "ޖަލްސާ ފެށުމަށް ބޭނުންވާ ގާނޫނީ އަދަދު ކޯރަމް ހަމަނުވާތީ އަޅުގަނޑު މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މިހިސާބުން މި ނިންމާލީ، ވަރަށް ބޮޑަށް ޝުކުރިއްޔާ ދެން ޖަލްސާއެއް އޮންނާނެ ވަގުތު އަންގާލާނަން،" ކަމަށެވެ.
އެހެން ފަހަރުތަކާ ހިލާފަށް، މިއަދުގެ ޖަލްސާ ނުބޭއްވުނުކަން އިއުލާން ކުރެއްވި އިރު، އެވަގުތު ޖަލްސާއަށް ހާޒިރުވެ ތިއްބެވި މެންބަރުންގެ އަދަދެއް ވިދާޅެއް ނުވެއެވެ. އަދި ކޯރަމް ހަމަނުވެގެން ޖަހާ ފަސް މިނެޓްގެ ކޯރަމް ރަނގަބީލެއްވެސް ނުޖަހައެވެ.
މަޖިލިސް ގަވާއިދު ބުނާގޮތުން މަޖިލިސްގެ ޖަލްސާތައް ބާއްވަން ޖެހެނީ، ހަފުތާގެ ހޯމަ ދުވަހާއި އަންގާރަ ދުވަހާއި ބުދަ ދުވަހުއެވެ. އެހެންކަމުން ކޮންމެ ދުވަހެއްގެ ޖަލްސާ ނިންމަވާލައްވާ އިރު، ޖެހިގެން އަންނަ ދުވަހު ޖަލްސާ އޮންނާނެ ވާހަކަވެސް ރިޔާސަތުން އިއުލާން ކުރައްވައެވެ. ނަމަވެސް މިއަދު ޖަލްސާ ނުބޭއްވުނުކަން އިއުލާން ކުރެއްވި އިރު، ދެން ޖަލްސާއެއް އޮންނާނެ ދުވަހެއްވެސް އިއުލާނެއް ނުކުރައްވައެވެ.
މިދިޔަ ދެ ހަފުތާގެ ތެރޭގައި ޖަލްސާ ފަށަން ބޭނުންވާ އަދަދަށް މެންބަރުން ހާޒިރު ނުވެގެން، މަޖިލިސް ރައީސް އެކި ފަހަރުމަތިން ޖަލްސާ ފެށުން ލަސްކޮށް، ކޯރަމް ހަމަވެގެން ޖަލްސާ ކުރިއަށް ގެންގޮސްފައިވެސް އެބަހުއްޓެވެ. ނަމަވެސް މިއަދު އެފަދަ އެއްވެސް ފުރުސަތެއް ނުދެއްވައެވެ. ޖަލްސާ ނުބޭއްވުނުކަން އިއުލާން ކުރެއްވި އިރު، މަޖިލިސް އިދާރާގެ ގޯތި ތެރޭގައި ތިއްބެވި މެންބަރުންގެ ތެރެއިން ބައެއް މެންބަރުން ވިދާޅުވީ، އެހެން ފަހަރުތަކުގައި ޖަލްސާގެ ކޯރަމް ހަމަނުވެގެން، ކޯރަމް ހަމަކުރުމަށްޓަކައި، ކޯރަމް ރަނގަބީލު ޖަހާ ކަމަށާއި އިދާރީ މޭޒުގެ ބޭފުޅުން ވަޑައިގެން ޖަލްސާއަށް ވަންނަވަން ވެސް މެންބަރުންނަށް ދަންނަވާ ކަމަށެވެ. ނަމަވެސް މިއަދު އެފަދަ އެއްވެސް ކަމެއް ހިގާފައިނުވާ ކަމަށް އެ މެންބަރުން ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވާ މަސައްކަތްތަކުގެ ތެރެއިން، މަޖިލިސް ރައީސްގެ މޭޒުން ހުށަހަޅާ ކަންތަކުގެ ގޮތުގައި، އެންމެ ފުރަތަމަ ކަމަކަށް އޮތީ، ޔޫއޭއީއަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކަމަށް މއ. ރުއްކުރ،ި މަރްޔަމް މިދްފާނައީމް ހަމަޖެއްސެވުމަށާއި ބަންގްލަދޭޝަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކަމަށް ސ. ހުޅުދޫ އަސަރީގެ، ޝިއުނީން ރަޝީދު ހަމަޖެއްސެވުމަށާއި ހދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލީ އާދަމް ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމާ ގުޅޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަނުން ފޮނުވާފައިވާ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލަތަކާ ގުޅޭ ކޮމިޓީތަކަށް ފޮނުވުމެވެ.
އެއަށްފަހު ނުނިމި ހުރި މަސައްކަތްތަކުގެ ގޮތުގައި ފަސް ގަރާރަކާއި ހަތަރު ބިލަކަށް މަޝްވަރާ ކުރަން ވަނީ އެޖެންޑާ ކޮށްފައެވެ.
ބިލުތަކުގެ ތެރޭގައި ހިމެނެނީ ސަރުކާރުގެ ފަރާތުން މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ހުށަހަޅުއްވާފައިވާ އިންޑަސްޓްރިއަލް ރިލޭޝަންސްއާ ބެހޭ ބިލާއި ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދު ހުށަހަޅުއްވާފައިވާ ކުނި މެނޭޖުކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ޖޭއެސްސީ އެކުލަވާލާފައިވާ ގޮތް ބަދަލުކުރުމަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ގާނޫނު އަސާސީއަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ ބިލާއި ރައްޔިތުންގެ މަޖިލިސް އެތުރިފައިވާ ގޮތަށް ބަދަލު ގެންނަން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ގާނޫނު އަސާސީއަށް އިސްލާހު ގެންނަން ހުށަޅާފައިވާ ބިލެވެ.
ގަރާރުތަކުގެ ތެރޭގައި ހިމެނެނީ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ހުށަހަޅުއްވާފައިވާ ލ. ހިތަދޫ އާއި ކުނަހަންދޫ ގުޅުވާލުމަށް ހަމަޖެހިފައިވާ ކޯޒްވޭގެ މަސައްކަތް އަވަސްކޮށްދިނުމަށް ގޮވާލައި ހުށަހަޅާފައިވާ ގަރާރާއި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހަޅުއްވާފައިވާ ފެނަކައިން ކުދި ވިޔަފާރިތަކާއި ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ދިނުން އަވަސްކުރުމަށާއި ފެނަކައިގެ މެނޭޖްމަންޓް އަދި ފައިނޭންޝަލް އޮޑިޓެއް ހެދުމަށާއި ދަރަނިތައް އަދާކުރާނެގޮތުގެ ޕްލޭނެއް އެކުލަވާލުމަށް ގޮވާލައި ހުށަހެޅި ގަރާރުގެ ބަހުސެވެ.
އޭގެ އިތުރުން ލ. ކުނަހަންދޫ އިންޖީނުގެ އާއި ނަރުދަމާގެ މަސައްކަތް އަވަސްކޮށްދިނުމަށް ގޮވާލައި ހުށަހެޅި ގަރާރާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ހުށަހަޅުއްވާފައިވާ އިންތިހާބުތަކަށް ސަރުކާރުން ނާޖާއިޒު ނުފޫޒާއި ބާރު ފޯރުވަމުންދާތީ، އިންތިހާބުތައް އިންސާފުވެރިކުރުމަށާއި މިނިވަންކުރުމަށް ވެފައިވާ ވައުދާ އެއްގޮތަށް ސަރުކާރުން ކަންކަން ތަންފީޒުކޮށް، މަގުފަހިކުރުމަށް ގޮވާލައި ހުށަހަޅާފައިވާ ގަރާރާއި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހަޅުއްވާފައިވާ ރާއްޖޭގެ މަސްކަނޑުން ގެއްލުނު ބައި ހޯދުމުގެ މަސައްކަތް އަވަހަށް ފެށުމަށް ސަރުކާރަށް ގޮވާލައި ހުށަހެޅި ގަރާރުގެ ބަހުސް ކުރިއަށް ގެންދިއުމަށްވެސް ވަނީ އެޖެންޑާ ކޮށްފައެވެ.
ކޮމިޓީތަކުން ހުށަހަޅާ ކަންތައްތަކުގެ ގޮތުގައި ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ޖުޑީޝަރީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓާއި ޕްލޭނިން މިނިސްޓްރީ އާއި އެ މިނިސްޓްރީގެ ދަށުން ހިނގަމުންދާ މޯލްޑިވްސް ލޭންޑް އެންޑް ސާވޭ އޮތޯރިޓީން ކުރަމުންދާ ބައެއް މަސައްކަތްތަކަށް ބަދަލު ގެނައުމާ ގުޅިގެން އެ މިނިސްޓްރީގެ މަސައްކަތްތަކުގެ ދާއިރާއަށް ގެންނެވި ބަދަލު މަޖިލީހުން ފާސްކުރުމަށް، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ބަހުސް ކުރުމަށްވެސް ވަނީ އެޖެންޑާ ކޮށްފައެވެ.
މިއަދުގެ ޖަލްސާގައި ވޯޓަށް އަހަން އެންޑާ ކޮށްފައި ވަނީ އެންމެ މައްސަލައެކެވެ. އެއީ ސަރުކާރުގެ ފަރާތުން އިންތިހާބުތަކާ ބެހޭ އާއްމު ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލު ފާސްކުރުމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު