މާލޭގައި ބިދޭސީއަކު ރަހީނު ކުރުމަށްފަހު އެ މީހާގެ އަތުން ފައިސާތަކެއް ފޭރިގެންފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ވަން" އަށް ވިދާޅުވީ ބަންގްލަދޭޝްގެ ފިރިހެނެއްގެ އަތުން ފައިސާތަކެއް ފޭރިގަނެ، މާލޭގެ ގެެއެއްގައި އެ މީހާ ހިފަހައްޓާފައި ހުރި މައްސަލައެއް ފުލުހުންނަށް ރޭ 10:31 ހާއިރު ހުށަހަޅާފައިވާ ކަމަށެވެ.

އެ ހާދިސާގައި ފޭރިގެންފައިވަނީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް އަދި އެ މީހާ ރަހީނުކޮށްފައި ހުރީ ކިހާ ދުވަހެއް ވަންދެންކަމެއް ފުލުހުން ނުބުނެއެވެ.

ނަމަވެސް އެނގިފައިވާ ގޮތުގައި ރަހީނުކޮށްފައި ބެހެއްޓި ތަނުން ސަލާމަތްވީ އޭނާ އަމިއްލައަށެވެ. އަދި އަމިއްލައަަށް ސަލާމަތްވެގެން އެ ސަރަހައްދު ގެއެއްގެ ފުރާޅުމަތީގައި އޭނާ ހުއްޓާ އެކަން ރިޕޯޓްކުރީ އާންމުންގެ ބައެކެވެ.

އެ މައްސަލަ އިތުރަށް ބަލަމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެވެ.