ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ، މެމްބަރުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 15 އަދި 16 ވަނަ ދުވަހުގެ ހެނދުނު 9:30 އިން ފެށިގެން 12:30 އަށް ކަމަށެވެ. މެމްބަރު ކަމަށް ކުރިމަތިލާ ފޯމް އެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މެމްބަރުކަމަށް ކުރިމަތިލާ މީހަކީ ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައި އޮންނަ މީހަކަށް ވެގެން ނުވާނެއެވެ. އަދި އެ މީހާގެ ކުށާއި ދަރަނީގެ ރިކޯޑު ފޯމާއެކު ހުށަހަޅަންވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެޗްއާރްސީއެމްއަށް މެމްބަރަކު ހޯދުމަށް ރައީސް އޮފީހުން އިއުލާންކުރީ އެ ކޮމިޝަންގެ ނައިބު ރައީސް ޑރ. އަހުމަދު އަދުހަމް އަބްދުﷲ އިސްތިއުފާ ދެއްވާފައިވާތީއެވެ. އޭނާ މިހާރު ދިރިއުޅުއްވަނީ ރާއްޖޭން ބޭރުގައެވެ. އޭނާ އެޗްއާރްސީއެމްގެ ނައިބު ރައީސްގެ މަގާމަށް އައްޔަން ކުރެއްވީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ އަށް ވަނަ ދުވަހުއެވެ. އޭނާ ދިރިއުޅުން ރާއްޖޭން ބޭރަށް ބަދަލުކުރެއްވީ އިސްތިއުފާގެ ސިޓީ ހުށަހެޅުމަށްފަހުއެވެ.
އެޗްއާރްސީއެމްއަކީ ފަސް މެމްބަރުންގެ މައްޗަށް އެކުލެވިގެންވާ ކޮމިޝަނެކެވެ.
އެ ކޮމިޝަންގައި މިހާރު ތިއްބެވީ އެ ކޮމިޝަން ރައީސް މަރްޔަމް މުނާގެ އިތުރުން ތިން ކޮމިޝަނަރުން ކަމަށްވާ މުއުމިނާ ވަހީދު، އާމިނަތު ޝިފާއަތު އަބްދުއްރައްޒާގު އަދި ސަމާއު އަހުމަދު ނަޖީބެވެ.
ޚަބަރު
ޚަބަރު
ޚަބަރު