އޭއެފްސީ އޭޝިއަން ފުޓްސަލް ކަޕްގެ ކޮލިފައިންގައި ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމު ކުޅުނު ފުރަތަމަ މެޗުގައި މިއަދު ވަރުގަދަ އިރާން ކައިރިން ބޮޑު ބައްޔެއް ވެއްޖެއެވެ.

ކިރްގިސްތާނުގައި ކުރިއަށްދާ ކޮލިފިކޭޝަންގައި ރާއްޖެއިން މިއަދު އިރާން ކައިރިން ބަލިވީ 18-2 ގެ ނަތީޖާއަކުންނެވެ. މިއަދުގެ މެޗުގައި ރާއްޖެއާ ދެކޮޅަށް ނުކުތް އިރާނަކީ ދުނިޔޭގެ ފެންވަރުގައިވެސް ފުޓްސަލްގައި އެންމެ ފާހަގަކޮށްލެވޭ އެއް ގައުމެވެ. އެޓީމު ކޮޅަށް ރާއްޖެއިން ދެ ގޯލު ޖެހުމަކީ ފާހަގަކޮށްލެވޭ ކާމިޔާބެކެވެ. މީގެ ކުރިން މިދިޔަ އަހަރުވެސް ރާއްޖެއިން ކޮލިފިކޭޝަން ކުޅެފައިވާ އިރު، އެފަހަރު ތިން މެޗުންވެސް ޖެހުނީ އެންމެ ގޯލެކެވެ.

މިދިޔަ އަހަރު އިރާން އަތުން 17-0 އިން ބަލިވި އިރު، ދެވަނަ މެޗުން ކިރްގިސްތާން އަތުން ބަލިވީ 7-1 އިންނެވެ. އަދި ތިންވަނަ މެޗުން ތުރުކުމެނިސްތާން އަތުން ބަލިވީ 7-0 އިންނެވެ.

ކިރްގިސްތާންގެ ބިޝްކެކްގައި ކުރިއަށްދާ މިފަހަރުގެ ކޮލިފައިންގައި ރާއްޖޭން މިއަދު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދިވެހި ޓީމުން ރަނގަޅަށް ޑިފެންސް ކުރެވޭތޯ މަސައްކަތް ކުރިއެވެ. އެ ހާފު ނިމުނު އިރު، އިރާނުން 6-1 އިން ކުރީގައި އޮތް އިރު، ރާއްޖޭގެ ގޯލު ޖަހައިދިނީ އަލީ ހާފިޒް (ހާއްޕެ) އެވެ. ހާއްޕެ ގޯލު ޖެހީ އިރާން ކީޕަރު ކުރިއަށް ޖެހުނު ވަގުތު ދުރުން ބޯޅަ ގޯލަށް ވައްދާލައިގެންނެވެ.

ދެވަނަ ހާފުގައިވެސް އިރާނުން ފެންވަރުގެ ގޮތުން މާ ބޮޑުތަންވެސް ތަފާތުކޮށް ފެނިގެން ގޮސްފައިވާ އިރު، ރާއްޖެއިން ދެވަނަ ހާފުގައި ޖެހި ގޯލު ޖަހައިދިނީ އަލީ ޝިޔާހު (ޝިޔަޅޭ) އެވެ. އެ ގޯލަކީ ހާއްޕެ، އިރާންގެ ދެ ކުޅުންތެރިން ނައްޓާލައިފައި ކުރިއަށް ޖެހި ޖައްސާލި ޕާހަކުން ޝިޔާހު ޖަހައިދިން ގޯލެކެވެ.

ރާއްޖެއަށް ދެން އޮންނާނީވެސް ވަރުގަދަ ދެ މެޗެވެ. އެއީ ހޯމަ ދުވަހު ލުބުނާނާ ދެކޮޅަށް ކުޅޭ މެޗާއި، އޭގެ ފަހުން ކިރްގިސްތާނާ ދެކޮޅަށް ކުޅޭ މެޗެވެ.