ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް ރައްޔިތުން ނިންމި ނިންމުމަށް އިހުތިރާމު ކުރާނެ ކަމަށް އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވިދާޅުވި ކަމަށާއި އެކަމަށް އިންޑިއާއިން އެއްބާރުލުން ދެއްވާނެ ކަމަށް އިންތިގާލީ ތަރުޖަމާން މުހައްމަދު ފިރުޒުލް އަބްދުالله ހަލީލް ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނުގެ ވެރިކަމުގައި ރާއްޖޭގައި ތިބި ބޭރުގެ ސިފައިން އަނބުރާ ގައުމަށް ފޮނުވާލާނެ ކަމަށް މުއިއްޒު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާއިރު، އިންޑިއާ ސަފީރު ވަނީ އިންތީހާބީ ރައީސް މުއިއްޒުގެ އަރިހަށް މިދިޔަ ބުދަ ދުވަހު އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފައެވެ.

އިންތިގާލީ ތަރުޖަމާންގެ މަގާމަށް އައްޔަންކުރެއްވި ފިރުޒުލް މިއަދު ވަނީ ފުރަތަމަ ފަހަރަށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފައެވެ. އެ ބައްދަލުވުން އޮތީ އިންތިހާބީ ރައީސްގެ އޮފީސް ހުންނަ، މ. ދިމްޔާތުގައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން ފިރުޒުލް ވިދާޅުވީ އިންޑިއާގެ ސަފީރާއެކު ބޭއްވެވި ބައްދަލުވުމުގައި ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބާލާނެ ކަމުގެ ވާހަކަ ވަރަށް ސާފުކޮށް މުއިއްޒު ސަފީރުގެ އަރިހުގައި ދެންނެވި ކަމަށާއި އަދި އެ ނިންމުމަށް އިހުތިރާމް ކުރައްވާނެ ކަމަށް އިންޑިއާގެ ސަފީރު ވިދާޅުވި ކަމަށެވެ.

"އިންޑިއާ ސަފީރު ވިދާޅުވެދެއްވާފައިވޭ އެ ނިންމުމަށް އިހުތިރާމު ކުރައްވާނެ ކަމަށް. އަދި ހަމަ އެހެންމެ ދިވެހި ރާއްޖޭގެ ސިޔާދަތަށް ހަމަ ޖުމުލަ ގޮތެއްގައި އިހުތިރާމު ކުރައްވާނެ ކަމަށް." ފިރުޒުލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އިންޑިއާ ސަފީރާއެކު ބޭއްވެވި ބައްދަލުވުމަށްފަހު އިތުރު ހާއްސަ މަޝަވަރާތަކެއް ކުރިއަށް ނުގެންދާ ކަމަށާއި މި ވަގުތު އެންމެ ބޮޑު އަމާޒެއް ހުރީ ޓްރާންސިޝަން މަރުހަލާތައް ފަށައިގަތުމަށް ކަމަށެވެ. އެ މަސައްކަތްތަކުގެ ތެރޭގައި އެކިއެކި އެއްބަސްވުންތައް ބެލުމާއި އެ އެއްބަސްވުންތަކުގައި ނުކުރެވި ހުރި ކަންކަން ބަލަމުންދާއިރު، ކުރަން ހުރި ކަންކަމުގެ މަޝްވަރާތަކާއި މަސަައްކަތްތައްވެސް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.