ކިރްގިސްތާންގައި މިއަދު ފަށާ އޭއެފްސީ އޭޝިއަން ފުޓްސަލް ކަޕްގެ ކޮލިފައިންގައި ރާއްޖެ ހިމެނޭ ގްރޫޕްގައި އޮތް އަނެއް ތިން ގައުމަކީވެސް ވަރުގަދަ ޓީމުތަކެއް ކަމަށާއި އެ ގައުމުތަކާ ދެކޮޅަށް ނުކުންނައިރު ވިސްނާނީ ނަތީޖާ ރަނގަޅު ކުރުމަށް ކަމަށް ކޯޗު އަބްދުﷲ ނަސީރު (އަބޯ) ބުނެފިއެވެ.

މި ފަހަރުގެ އޭޝިއަން ފުޓްސަލް ކަޕް ކޮލިފިކޭޝަންގައި ރާއްޖެ ހިމެނެނީ ކިރްގިސްތާނާއި އިރާން އަދި ލުބުނާން އާއެކު ގްރޫޕް ސީގައެވެ. ފުރަތަމަ މެޗުގައި ރާއްޖެ ކުޅޭނީ މިއަދު އިރާނާ ދެކޮޅަށެވެ. އެ މެޗު ފަށާނީ ރާއްޖެ ގަނޑިން ތިނެއް ޖަހާއިރުއެވެ.

މުބާރާތުގެ ޕްރީ ޓޯނަމެންޓް ޕްރެސްގައި އިއްޔެ ވާހަކަދައްކަމުން ރާއްޖޭގެ ކޯޗު އަބޯ ބުނީ ތައްޔާރުވާން ލިބުނީ މަދު ދުވަސްކޮޅެއް ކަމަށާއި ރަނގަޅު ވަސީލަތްތައް ރާއްޖޭގައި ނެތުމުން، އެންމެ އެކަށީގެންވާ ގޮތެއްގައި ތައްޔާރުވާން ގޮންޖެހުންތަކެއް ހުރި ކަމަށެވެ.

"މަދު ދުވަސްކޮޅަކު ރާއްޖެ ޓީމުން ތަމްރީން ކުރީ. ގާތްގަނޑަކަށް 10 ވަރަކަށް ދުވަހު މި ތަމްރީނު ކުރެވުނީ. ރާއްޖޭގައި ސީދާ ފުޓްސަލްއަށް ހާއްސަ އިންޑޯ ވަސީލަތެއް ނެތް. އެހެންވީމަ ފެސިލީޓީގެ ދަތިކަން އެބަހުރި. ސޯޝަލް ސެންޓަރާއި އައުޓްޑޯ ތަމްރީނުތައް ދެން މި ހެދީ. އެއީ ތައްޔާރުވެފައިވާ ވަރަކީ،" އަބޯ ބުންޏެވެ.

މިދިޔަ އަހަރުގެ ކޮލިފިކޭޝަންގައި ރާއްޖެ ފުރަތަމަ މެޗުގައި އިރާން އަތުން ބަލިވީ 17-0 އިންނެވެ. ދެވަނަ މެޗުން ކިރްގިސްތާން އަތުން 7-1 އިން ރާއްޖެ ބަލިވި އިރު، ތިންވަނަ މެޗުން ވަނީ ތުރުކުމެނިސްތާން އަތުން 7-0 އިން ބަލިވެފައެވެ.

ކޮލިފިކޭޝަންގައި ދެން އޮތް ޓީމުތަކުގެ ފެންވަރާ މެދު އިއްޔެ ނޫސްވެރިން ސުވާލުކުރުމުން އަބޯ ބުނީ ދެން އޮތް ޓީމުތައް މާބޮޑަށްވެސް ވަރުގަދަ ކަމަށާއި ނަތީޖާ ރަނގަޅުކުރަން ވިސްނާނެ ކަމަށެވެ.

"އަހަރެމެން ގްރޫޕްގައި ދެން މި އޮތް އަނެއް ތިން ޓީމަކީވެސް ފެންވަރުގެ ގޮތުން މާވަރުގަދަ ދެ ޓީމު. އެހެންވިޔަސް ނަތީޖާ ރަނގަޅުކުރުމަށް ކުރެވުނު ކޮންމެ މަސައްކަތެއްވެސް ކުރާނަން،" އަބޯ ބުންޏެވެ.

މިދިޔަ އަހަރުގެ އޭޝިއަން ކަޕް ކޮލިފިކޭޝަނަށް ދިއުމުގެ ކުރިން ރާއްޖޭގެ ފުޓްސަލް ޓީމަށް ތައިލެންޑްގެ އިންވިޓޭޝަނަލް މުބާރާތެއް ކުޅެލަން ލިބުނެވެ. އެކަމަކު މި ފަހަރު ޓީމުން ޓްރެއިނިން ކޭމްޕެއް ބޭނުން ކަމަށް ހާމަކުރި ނަމަވެސް އެ ފުރުސަތެއް ނުލިބުނެވެ. އަދި މުބާރާތަށް ފުރަން ކަނޑައެޅި ތާރީހު ލަސްވެ، އެންމެ ފަހުން މެޗުތައް ކުޅެން ކިރްގިސްތާނަށް ދެވޭ ގޮތްވީ މުބާރާތް ފެށެން އެއް ދުވަހަށް ވެފައިވަނިކޮށެވެ.

  • މުހައްމަދު އިމްރާން (އިންމި)
  • ސާމިން މުހައްމަދު ނަސީރު
  • އަލީ ހާފިޒް (ހާއްޕެ)
  • ހުޒައިފަތު ރަޝީދު (ހުޒޭ)
  • ހުސެއިން ޝަރީފް (އޮންލީ)
  • އަބްދުﷲ ޝާފިއު (ޝާއްޕެ)
  • އިޝާން އިބްރާހިމް (ސައްޓު)
  • ހުސެއިން ސުހައިލް (ސޮކޭ)
  • އިސްމާއިލް ވަޖީހު (ވައްޖެ)
  • ޔާމީން މުހައްމަދު (ޔާންޓެ)
  • އަލީ ޝިޔާހު (ޝިޔާ)
  • އަލީ މާއިސް (މައްޓު)
  • ޒައިދާން އަހުމަދު (އަސޫ)
  • ފައްޔާޒް ފަޔާޒް (ފައިއްޓެ)