ވެރިކަން ބަދަލުވުމުގެ މަރުހަލާގައި އިންތިހާބީ ރައީސްގެ ހައިސިއްޔަތުން ކުރަން ޖެހޭ ކަންތައް ކުރުމަށް، އިންތިހާބީ ރައީސްގެ އޮފީސްގެ ނަމުގައި އޮފީހެއް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އުފައްދަވައިފިއެވެ.
ވެރިކަން ބަދަލުވުމުގެ މަރުހަލާއާ ބެހޭ ގާނޫނާ އެއްގޮތަށް، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފައިވާ ގޮތަށް ޑިރެކްޓާ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަގާމަށް ޕީއެންސީގެ ޗެއާމަން އަބްދުއްރަހީމް އަބްދުﷲ، ސިވިލް ސާވިސް ކޮމިޝަނުން މިއަދު ވަނީ އައްޔަންކޮށްފައެވެ.
އިންތިގާލީ މަރުހަލާގެ ކަންކަން ވިލަރެސްކުރުމަށް ރައީސް އޮފީހުގެ ފަރާތުން ރައީސް ސޯލިހު ހަމަޖައްސަވައިފައި ވަނީ ސެކްރެޓެރީ، ކޯޕަރޭޓް ސާވިސް ހުސައިން އާމިރެވެ.
ރައީސް އޮފީހުން މިއަދު ނެރުނު ދެންނެވުމުގައި ވަނީ ސަރުކާރުގެ އިދާރާތައް ހިންގުމަށް ބުރޫ ނާރާނެ ގޮތެއްގެ މަތީން އަދި ސަރުކާރުން ރައްޔިތުންނަށް ދެމުންދާ ހިދުމަތްތަކަށް ހުއްޓުމެއް ނާންނާނެ ގޮތެއްގެ މަތީން، ވެރިކަން ނަގުލުކުރުމަށްޓަކައި ސަރުކާރުގެ އިދާރާތަކާބެހޭ މުހިންމު މައުލޫމާތު، އިންތިހާބީ ރައީސްއަށް ބޭނުންވެދާނެ ކަމަށްޓަކައި ތައްޔާރުކުރުމަށް އަންގަވައިފައިވާ ކަމަށެވެ. އަދި ސަރުކާރުގެ އިދާރާތަކުން އިންތިހާބީ ރައީސްގެ އޮފީހަށް ލިޔެކިޔުން ފޮނުވަން ވާނީ "ގަވަންމަންޓް އީ-ލެޓާ މެނެޖްމަންޓް ސިސްޓަމް" މެދުވެރިކޮށް ކަމުގައިވެސް ބުނެފައިވެއެވެ.
މީގެ އިތުރުން ރާއްޖޭގެ ގާނޫނު އަސާސީންނާއި ގާނޫނުތަކުން ރައީސް، މީހުން އައްޔަނުކުރައްވާ މަގާމުތަކުގައި ތިއްބެވި ފަރާތްތަކުން ހިނގަމުންދާ ރިޔާސީ ދައުރު ނިމެންދެން، އެ ފަރާތަކާ ހަވާލުވެފައިވާ މަސައްކަތްތައް ކުރެއްވުމުގައި ދެމިތިއްބެވުމަށް ރައީސް ބާރު އަޅުއްވާ ކަމަށްވެސް އެ ދެންނެވުމުގައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު