ދައުލަތުގެ އެއްވެސް މުދަލެއްގެ މިލްކުވެރިކަން އެހެން ފަރާތަކަށް ބަދަލު ނުކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.

ރައީސް ސޯލިހަށް މުއިއްޒު ފޮނުއްވި ސިޓީފުޅެއްގައި އެގޮތަށް އަންގަވާފައި މިވަނީ، އަންނަ މަހުގެ ފަސްވަނަ ދުވަހުގެ ކުރިން ގޯތި ލިބިފައިވާ ފަރާތްތަކަށް ބިމުގެ އިން ވަކިކޮށް، ގާނޫނީ ހުރިހާ ހަމައެއް ނިންމާފައި ރަޖިސްޓަރީ ހަވާލުކޮށްދެއްވާނެ ކަމަށް ރިޔާސީ ކެމްޕޭނުގައި ރައީސް ސޯލިހު ވިދާޅުވެފައިވަނިކޮށެވެ.

އިންތިހާބީ ރައީސްގެ ސިޓީފުޅުގައި ވަނީ ރައީސް އޮފީހުގައި ބައްދަލުކުރައްވައި އާ ސަރުކާރާ ބާރުތައް ހަވާލުކުރުމުގެ ކަންކަން އޮމާންކަމާ އެކު ގެންދެވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ދެއްވާނެކަމުގެ ޔަގީންކަން ރައީސް ސޯލިހު ދެއްވާފައިވާތީ، އެކަން ޝުކުރުވެރިކަމާއެކު ބަލައިގަންނަ ކަމަށެވެ. އަދި އެ ޔަގީންކަމުގެ މަތީގައި ސަރުކާރު ހަވާލުވެވަޑައިގެންނެވުމުން ކަންކަން ވިލަރެސްކުރައްވަމުން ގެންދަވާކަމުގައި ފާހަގަކުރެއްވިއެވެ.

އިންތިހާބީ ރައީސް މުއިއްޒުގެ ސިޓީފުޅުގައި ވަނީ ރައީސް ސޯލިހަށް ބައެއް ކަންކަމުގައި އެހީތެރިކަން ބޭނުންފުޅުވާކަން ފާހަގަކުރައްވައިފައެވެ. އެގޮތުން ދައުލަތުގެ އެއްވެސް މުދަލެއްގެ މިލްކުވެރިކަން އެހެން ފަރާތަކަށް ބަދަލު ނުކުރެއްވުމަށާއި ދައުލަތުގެ އެއްވެސް މުއައްސަސާއަކުން އާ އިންވެސްޓުމަންޓުތައް ނުކުރެއްވުމަށް ވަނީ އެދިވަޑައިގެންފައެވެ.

އޭގެ އިތުރުން ދައުލަތުގެ އެއްވެސް ބިމެއް ތަރައްގީކޮށް ވިއްކުމުގެ އާ ހުއްދައެއް ނުދެއްވުމަށާއި ބައިނަލްއަގުވާމީ މުއާހަދާތަކާއި އެއްބަސްވުންތަކުގައި ސޮއި ނުކުރެއްވުމަށާއި ޕީއެސްއައިޕީ އަދި އެހެންވެސް ޕްރޮގްރާމެއްގެ ދަށުން އާ ޕްރޮޖެކްޓުތައް ނުފެއްޓެވުމަށް ވަނީ އެދިވަޑައިގެންފައެވެ.

މުއިއްޒު އެދިވަޑައިގެންނެވި އެހެން ކަންތައްތަކުގެ ތެރޭގައި ދައުލަތުގެ އެއްވެސް މުއައްސަސާއެއްގެ މުސާރައިގެ އޮނިގަނޑަށް އެއްވެސް ބަދަލެއް ނުގެންނެވުމަށާއި ދައުލަތުގެ އެއްވެސް ވަޒީފާއަކަށް އަލަށް މީހަކު ނެވެއްދެވުން އަދި މަގާމުގެ ކުރިއެރުން ނުދެއްވުމަށް ވެސް ހިމެނެއެވެ.

މުއިއްޒުގެ ސިޓީފުޅުގައި ވަނީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވުމާ ގުޅިގެން ރައީސް ސޯލިހު ދެއްކެވި ޑިމޮކްރަސީގެ ރީތި ނަމޫނާއަށްޓަކައި ޝުކުރު ދަންނައިވައިފައެވެ.