އަމީނީ މަގުގެ މަސައްކަތް ކުރިއަށް ގެންދިޔުން މަޑުޖައްސާލާފައި ވަނީ ޕްލޭނިން މިނިސްޓްރީން އަންގައިގެން ކަމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)ން ބުނެފިއެވެ.
އާރްޑީސީގެ މީޑިއާ އޮފިޝަލް "ވަން" އަށް މިއަދު ވިދާޅުވީ، އަމީނީ މަގު ހެދުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން މަޑުޖައްސާލީ ރިޔާސީ އިންތިހާބުގެ ދުވަސްވަރަށް ވުމުން، އެކަމުގެ ސަބަބުން މަގު ހެދުމަށް ދަތިތަކެއް ކުރިމަތިވެދާނެތީ ކަމަށެވެ.
"މިނިސްޓްރީން އެންގިހާ އަވަހަކަށް މަގު ހެދުމުގެ މަސައްކަތް ފަށާނެ" އޮފިޝަލް ވިދާޅުވިއެވެ.
ޒަމާނީ ފެންވަރަށް އަމީނީ މަގު ތަރައްގީކުރުމަށް ހިންގަމުން އަންނަ މަޝްރޫއުގެ އެ މަގު މިހާރު ވަނީ ޕްލޭނިން މިނިސްޓްރީއާ ހަމައަށް ތާރު އަޅައިގެން ތަރައްގީކޮށްފައެވެ.
ޕްލޭނިން މިނިސްޓްރީން އަމީނީ މަގު ހެދުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކުރީ 3 ޖުލައި 2022ގައެވެ. އެއީ 210 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް 84.4 މިލިއަން ރުފިޔާއަށެވެ. އަމަލީ މަސައްކަތް ފެށީ އެ އަހަރުގެ އޮގަސްޓް މަހުގެ 30 ވަނަ ދުވަހުއެވެ.
މި މަސައްކަތް ހަތް މަސް ދުވަސް ތެރޭގައި ނިންމަން އެއްބަސްވި ނަމަވެސް، މަސައްކަތް ނުނިންމުނެވެ. އެހެންވެ ޕްލޭނިން މިނިސްޓްރީން ވަނީ މުއްދަތު އިތުރުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު