އެ މަނިކުފާނުގެ ހައްގުގައި ބަސް ބުނަންވާނީ ބޮޑެތި މަގާމުތައް ލިބުމުން ނޫން ކަމަށާއި އެ މަނިކުފާނުގެ ހައްގުގައި މަގުމަތީ ތިބެން ކެރެންވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވުމުން އެކަމަށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު، ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު ރައްދުދެއްވައިފިއެވެ.

ގޭ ބަންދުގައި މި ވަގުތު ހުންނެވި ޔާމީނަށް، އެ މަނިކުފާނުގެ ސަޕޯޓަރުންގެ ފަރާތުން ރޭ އެރުވި ފަރިވަޅާ ހަވާލުވެވަޑައިގެންނެވުމަށް ފަހު އެ މަނިކުފާނު ދިރިއުޅުއްވާ ހ. ދޫވެހީގެ ކުޑަދޮރު ކައިރީގައި ހުންނަވައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ އެ މަނިކުފާނުގެ ހައްގުގައި މަސައްކަތް ކުރައްވަނީ އާންމު މެމްބަރުން ކަމަށާއި މަގާމުތަކަށް ވަޑައިގަންނަވާ ބޭފުޅުން ތިއްބެވީ އެކިއެކި ފިނި ކޮޓަރީގައި ކަމަށެވެ.

"ގައުމުގެ ހައްގުގައި މަސައްކަތެއް ކުރާކަމެއްވަންޏާ ގައުމުގެ ހައްގުގައި އެންމެ ވަރުގަދައަށް މަސައްކަތް ކުރެއްވި ލީޑަރުން ތިބެންވާނެ ތިބޭފުޅުންނާއެކު މަގުމަތީގައި. ތިބެންވާނެ، ތިބެންވާނެ. މަގާމުތައް ލިބުނީމައެއް ނޫން ބޮޑެތި ބަސްތައް ބުނަންވާނީ. އެ މީހާގެ އެތެރޭގައި ހުރި ކަމެއް ދައްކަން ވާނީ އޭގެ ކުރިން،" ޔާމީން ވިދާޅުވިއެވެ.

ޔާމީންގެ އެ ވާހަކައާ ގުޅިގެން އާދަމް ޝަރީފު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ މަނިކުފާނު ޖަލުގައި އޮންނެވި އިރު، ޕީއެންސީ އަދި ޕީޕީއެމުން މުޒާހަރާތަށް ރޭވުމުގައި ސަޕޯޓަރުންނާ އެއްކޮށް މަސައްކަތް ކުރެއްވި ކަމަށާއި ހުރިހާ މުޒާހަރާއެއްގައި އަމަލީ ގޮތުން ބައިވެރިވެލެއްވި ކަމަށެވެ.

“ދެ ފަހަރަށް ފުލުހުން ބަންދުކުރި، އަމިއްލަ އާއިލާއާއި ދާއިރާއަށް ވަގުތު ނުދީ، ކުރެވެން ހުރި ހުރިހާ ކަމެއް ކުރީ ރައީސް ޔާމީންއާއި ޕާޓީ އާއި ގައުމުގެ ހައްގުގައި، އެ ހިތްވަރު އަދިވެސް ހުންނާނެ” ޔާމީންގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރުކަންވެސް ކުރެއްވި އާދަމް ޝަރީފް ވިދާޅުވިއެވެ.

އިންތިހާބުގެ ކާމިޔާބީ ފާހަގަކުރުމަށް މިދިޔަ ހޯމަ ދުވަހު ސޯޝަލް ސެންޓަރުގައި ބޭއްވި ބައްދަލުވުމުގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ޔާމީން މިނިވަންކުރުމަށް ގޮވާލައި މުޒާހަރާ ނުކުރުމަށާއި ޔާމީން ރީތި ގޮތުގައި މިނިވަން ކުރުމުގެ ފުރުސަތު އެ މަނިކުފާނަށް ދެއްވުމަށް އެދިވަޑައިގެންފައެވެ. ނަމަވެސް، އެހެން ވިދާޅުވި ރޭ ވެސް ސަޕޯޓަރުން ޔާމީންގެ ގޭދޮށަށް އެއްވެ އެ މަނިކުފާނު މިނިވަން ކުރުމަށް ވަނީ ގޮވާލައިފައެވެ.