ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ މައްސަލައިގައި، ދިވެހި ރައްޔިތުން އެދޭ ގޮތަށް ކަންކަން ކުރުމުގައި، އެއްބާރުލުން ނުދިނުމުގެ ވިސްނުމެއް ނެތް ކަމަށް އިންޑިއާ ސަފީރާއެކު ބޭއްވި ބައްދަލުވުމުގައި އެބޭފުޅުން ވިދާޅުވި ކަމަށް އިންތިހާބީ ރައީސް، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޑރ. މުއިއްޒު މިހެން ވިދާޅުވީ، "ވަން މީޑިއާ" އަށް މިއަދު ދެއްވި އެކްސްކްލޫސިވް އިންޓަވިއުއެއްގައެވެ.
އިންތިހާބީ ރައީސް ވިދާޅުވީ، ރައީސް ކަމަށް ހޮވިވަޑައިގެން އިންތިގާލީ މަރުހަލާގެ މަސައްކަތް ހަމަ ފެށުނު ތަނާ، މިހާ ކުރީކޮޅު އެބޭފުޅުންނާ ބައްދަލުކުރެއްވުމަކީ އުފާފުޅުކުރައްވާ ކަމެއް ކަމަށެވެ. ބައްދަލުވުމުގެ ކަންކަމުގައި އެދިވަޑައިގެންނެވިތާ ދެތިން ގަޑިއެއްހާއިރު ތެރޭ އެބޭފުޅުން ބައްދަލުވުންވެސް ހަމަޖެހިގެން ދިޔަ ކަން މުއިއްޒު ފާހަގަކުރެއްވެވި އެވެ.
ބައްދަލުވުމުގައި ވާހަކަތައް ދިޔައީ ވަރަށް ރަނގަޅަށް ކަމަށާއި އެއީ އުއްމީދީ ބައްދަލުވުމެއް ކަމަށް އިންތިގާލީ ރައީސް ފާހަގަކުރެއްވި އެވެ. މި ގައުމުގައި އިންޑިއާ ސިފައިން ތިބި މައްސަލަ އާއި އެކަން ހައްލުކުރަން ބޭނުންވާ ކަމާއި ރައްޔިތުން ބޭނުންވާ ގޮތަކީ އެއީ ކަމާއި ރައްޔިތުންގެ އިހުސާސްތައް ހުރީ އެހެން ކަން އިންތިހާބުން ސާފުކޮށް ފެނިގެން ދިޔަ ކަން ދެންނެވި ކަމަށް މުއިއްޒު ވިދާޅުވި އެވެ. މިކަންކަން އެބޭފުޅުންވެސް ގަބޫލުކުރައްވާ ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.
"ދެން ދެފަރާތުން އެކީގަ މަސައްކަތް ކޮށްގެން، އަޅުގަނޑު މި ބޭނުންވާ ގޮތާ އަޅުގަނޑުމެންގެ ގައުމުގެ ރައްޔިތުންގެ ފަރާތުން އަޅުގަނޑު ހުށަހެޅި ގޮތާ އެއްގޮތަށް، އެއީ އަޅުގަނޑުމެންގެ މިނިވަންކަމާއި އިސްތިގުލާލު ޔަގީންވެގެން ދިއުން، އެކަމުގަ އެބޭފުޅުންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް އަދި އެބޭފުޅުން ތިބީކީއެއް އެނޫން ގޮތަކަށް ވެސް ނޫން ކަމަށް ވިދާޅުވެ، އެ ޔަގީންކަން ދެއްވެވި." ޑރ. މުއިއްޒު ވިދާޅުވި އެވެ.
ޑރ. މުއިއްޒު ވިދާޅުވީ ވާހަކަ ދައްކައިގެން ރީތި ގޮތުގައި ނަތީޖާ ނެރެވޭނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަން އެބޭފުޅުންނަށް ދެންނެވި ކަމަށެވެ.
އިންޑިއާއިން ނަގާފައިވާ ލޯނު ތަކުގެ މައްސަލައިގައި، ލުއި ގޮތްތަކެއް ހޯދައިދިނުމަށް އެދިވަޑައިގެންވެސް ވާހަކަފުޅު ދެއްކެވި ކަމަށާއި އެ ކަމުގައި ވެސް ލިބިވަޑައިގެންނެވީ ވަރަށް އުއްމީދީ ޖަވާބުތަކެއް ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.
"އެހެންވީމަ އަޅުގަނޑު ގަބޫލުކުރަނީ ރާއްޖޭގައި މި ހުރި ހައްލު ކުރާން ޖެހޭ ބޮޑެތި މައްސަލަތަކުގަ އިންޑިއާ ސަރުކާރާއެކު ވާހަކަ ދައްކައިގެން އޭގެ ހައްލު ވަރަށް ރަނގަޅަށް ނެރެވޭނެ ކަމަށް." މުއިއްޒު ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު