އަށް އަހަރުގެ އަންހެން ދޮންދަރިއާ ބެހުނު މީހަކު 15 އަހަރަށް ޖަލަށް ލުމަށް ދަށު ކޯޓުން ކުރި ހުކުމް ހައިކޯޓުން ބާތިލެއް ނުކޮށްދިނެވެ.
މި މައްސަލައިގައި ދަށު ކޯޓުން ކުރި ހުކުމް ބާތިލުކޮށްދިނުމަށް އެދި އިސްތިއުނާފީ އަށް ނުކުތާއެއް ދޮންބައްޕަގެ ފަރާތުން ހައިކޯޓަށް ހުށަހެޅިއެވެ.
އޭގެ ތެރޭގައި ދައުވާގެ އުންސުރު ސާބިތުވެފައި ނުވާ ކަމަށް ބުނާ ނުކުތާއާއި ބަޔާންތަކުގައި ސޮއިކޮށްފައި ނެތުމުން ޝަރީއަތުގެ މަހުލަރު ބަޔާންތަކުގެ ދަރަޖަ އެ ބަޔާންތަކަށް ދޭނެ ޝަރުއީ އަދި ގާނޫނީ ހަމައެއް ނެތް ކަމަށް ބުނާ ނުކުތާއާއި ގާނޫނާ ހިލާފަށް ހެކި ހޯދާފައިވާ ކަމަށް ބުނާ ނުކުތާއާއި ކުއްޖާގެ ހެކިބަސް އެތެރެ ފުށުންނާއި ބޭރުފުށުން އެއްގޮތްތޯ ބެލުމާބެހޭ ނުކުތާއާއި ހެކިން ހާޒިރުކޮށް އެ ހެކިންނާއި ޝަރީއަތުގެ މަޖިލީހުގައި ސުވާލުކުރުމުގެ ހައްގުން މަހުރޫމުކުރެވިފައިވާ ކަމަށް ބުނާ ނުކުތާގެ އިތުރުން ބައެއް އެހެން ނުކުތާވެސް ހިމެނެއެވެ.
މި ހުރިހާ ނުކުތާތަކަށް ރިއާޔަތް ކުރުމަށްފަހު، މި މައްސަލައިގައި ހައިކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ، އޭނާގެ މައްޗަށް ދަށު ކޯޓުން ކޮށްފައިވާ ހުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ގާނޫނީ އަދި ޝަރުއީ ސަބަބެއް ނެތް ކަމަށް ހައިކޯޓުން މި މައްސަލަ ބެއްލެވި ފަނޑީޔާރުންގެ އިއްތިފާގުން ހުކުމްކުރާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު