ބޮޑެތި ގޮނޑިތަކުގައި ތިބޭ މީހުންނަށް އެ މަގާމުތަކަށް އާދެވުނީ އެ މަނިކުފާނާއި ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރުން ކުރެއްވި މަސައްކަތުން ކަމަށާއި ނަމަވެސް މަގާމުތަކަށް އާދެވުމުން އެކަމުގެ މަތިން ހަނދާނެއް ނެތް ކަމަށް ދެ ޕާޓީގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ގޭ ބަންދުގައި މި ވަގުތު ހުންނެވި ޔާމީނަށް، އެ މަނިކުފާނުގެ ސަޕޯޓަރުންގެ ފަރާތުން ރޭ ވަނީ ހާއްސަ ފަރިވަޅެއް އަރުވައިފައެވެ. ފަރިވަޅާ ހަވާލުވެވަޑައިގެންނެވުމަށް ފަހު އެ މަނިކުފާނު ދިރިއުޅުއްވާ ހ. ދޫވެހީގެ ކުޑަދޮރު ކައިރީގައި ހުންނަވައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ، ޖަލުގައި އަދި ގޭ ބަންދުގައި ހުންނަން ޖެހިވަޑައިގަތަސް، އެ މަނިކުފާނުގެ ހައްގުގައި އެ މަނިކުފާނު މިނިވަން ކުރުމަށް މަސައްކަތް ކުރައްވަނީ ލޯބިވާ އާންމު ރައްޔިތުން ކަމަށެވެ.

"އެކަމަކު ބޮޑެތި ގޮނޑިތަކުގައި ތިބޭ މީހުންނަށް އެ ފަސޭހަކަން ލިބިގެން އެ ދިޔައީ ރައީސް ޔާމީނާއި މި ޓީމުން (ސަޕޯޓަރުން) ކުރި މަސައްކަތުން. އިންސާނީ ތަބީއަތުގައި ދެރަކަމަކަށް މި ވަނީ މަގާމުތަކަށް އާދެވުނީމާ، އެކަން ހަނދާން ނެތޭތީ،" ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ އެ މަނިކުފާނު ޖަލަށްލިޔަސް، ރައްޔިތުން އެ މަނިކުފާނު ދެކެ ވަޑައިގަންނަވާ ލޯތްބަކަށް ބަދަލެއް ނާންނާނެ ކަމަށެވެ.

ޔާމީން އެހެން ވިދާޅުވި އިރު، އިންތިހާބުގެ ކާމިޔާބީ ފާހަގަކުރުމަށް މިދިޔަ ހޯމަ ދުވަހު ސޯޝަލް ސެންޓަރުގައި ބޭއްވި ބައްދަލުވުމުގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ޔާމީން މިނިވަންކުރުމަށް ގޮވާލައި މުޒާހަރާ ނުކުރުމަށާއި ޔާމީން ރީތި ގޮތުގައި މިނިވަން ކުރުމުގެ ފުރުސަތު އެ މަނިކުފާނަށް ދެއްވުމަށް އެދިވަޑައިގެންފައެވެ. ނަމަވެސް، އެހެން ވިދާޅުވި ރޭ ވެސް ސަޕޯޓަރުން ޔާމީންގެ ގޭދޮށަށް އެއްވެ އެ މަނިކުފާނު މިނިވަން ކުރުމަށް ވަނީ ގޮވާލައިފައެވެ.