އެފްއޭއެމް ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް އަންނަ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު ފަށަން ތާވަލުކޮށްފައިވާ ކަމަށް އެ އެސޯސިއޭޝަނުން ބުނެފިއެވެ.

އެފްއޭއެމުން އިއްޔެ ބުނީ މި އަހަރުގެ ދެވަނަ ޑިވިޝަން ނޮވެމްބަރު މަހަށް ތާވަލުކޮށްފައިވާ އިރު، އެފްއޭ ކަޕްގެ ޕްރިލިމިނަރީ ބުރުގެ ކުޅުން ފަށަން ހަމަޖައްސާފައި ވަނީ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު ކަމަށެވެ. އެ މުބާރާތުގައި ބައިވެރިވުމަށް އޮތް ފުރުސަތު ހަމަވާނީ އޮކްޓޯބަރު މަހުގެ 31ގެ ނިޔަލަށް ކަމަށްވެސް އެފްއޭއެމުން ބުންޏެވެ.

ދެވަނަ ޑިވިޝަނަށް ކްލަބުތަކަށް ވަރަށް ބޮޑަށް ތައްޔާރުވެފައިވާ އިރު، އެ މުބާރާތް ތާވަލުކޮށްފައިވާ ވަކި ތާރީހެއް އެފްއޭއެމުން ނުދީ ލަސްކުރުމުން ކްލަބުތަކުން އެކަމާ ކަންބޮޑުވުންތައްވެސް ފާޅުކޮށްފައިވެއެވެ. އެފްއޭއެމަށް ދިމާވެފައިވާ މާލީ ދަތި ހާލަތުގެ ސަބަބުން މުބާރާތްތައް ބޭއްވުމަށްވެސް ބުރުއަރާފައިވާ އިރު، ފުރަތަމަ ޑިވިޝަންވެސް ފެށުން ލަސްވެ، ސީޒަންވެސް އޮތީ ދިގުލައިގެން ގޮސްފައެވެ.

ފުރަތަމަ ޑިވިޝަނުގެ ފުޓްބޯޅައަށްވެސް ބޮޑެތި ބްރޭކްތަކެއް ނަގަން ޖެހުމުގެ ސަބަބުން ލީގު މެދުކެނޑެމުންދާލެތްވެސް ގިނަވުމާއެކު ފުޓްބޯޅައިގެ ފޯރި ވަރަށް ބޮޑަށް ގެއްލި، މި ވަގުތު ފުރަތަމަ ޑިވިޝަނަށް އޮތް އުންމީދުވެސް އޮތީ ކުޑަވެފައެވެ.

ރާއްޖޭގެ ލީގު ފޯމެޓް މިދިޔަ ސީޒަނުގައިވެސް އޮތް ގޮތުން، ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދި ބުރު ސްޕޯޓްސް ކްލަބު ވަނީ ފުރަތަމަ ޑިވިޝަނަށް ދަތުރުކޮށްފައެވެ. މިފަހަރު އަދި އެ ފޯމެޓް އޮތް ނަމަވެސް، މާކުރިއާލައި އަންނަ ސީޒަނަށް ބޮޑު ބަދަލެއް ލީގު ފޯމެޓެއް ގެންނަން އެފްއޭއިން ވަނީ މަސައްކަތްކޮށްފައެވެ. އެގޮތުން އަތޮޅު ތެރޭގައި ކުޅެން ފެށި ކޮލިފިކޭޝްތަކުންވެސް ޓީމުތައް ފުރަތަމަ ޑިވިޝަނަށް އިތުރުކުރަން އޮތީ ވިސްނައިފައެވެ. ނަމަވެސް އެ ކޮލިފިކޭޝަން މުބާރާތްތައް ކުރިއަށް ނުދެއެވެ.