އެމްޕީއެލް ދެވަނަ ޑިވިޝަނުގެ ފައިނަލްގައި މިއަދު ހަވީރު، ވިކްޓަރީ ސްޕޯޓްސް ކްލަބު ބަލިކޮށް، މަސްއޮޑި ސްޕޯޓްސް ކްލަބުން ތަށި އުފުލާލައިފިއެވެ.

ގައުމީ ދަނޑުގައި ކުޅުނު މެޗު މަސްއޮޑިން ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ. މިއަދުގެ މެޗަށްވެސް ނުކުތް އިރު، މަސްއޮޑި އާއި ވިކްޓަރީއަށްވެސް އަންނަ ސީޒަނުގެ ފުރަތަމަ ޑިވިޝަން އޮތީ ޔަގީންވެފައެވެ. އެ ޕްރެޝަރު ދެޓީމަށް ނެތް ނަމަވެސް، މިއަދުގެ މެޗު ފެނުނީ ތަފާތު ފޯރިގަދަކޮށެވެ. މިއަދުގެ ފައިނަލާއެކު، މިދިޔަ ސީޒަނުގެ ތިންވަނަ ޑިވިޝަނުގެ ރަނަރަޕްގެ ގޮތުގައި، ދެވަނަ ޑިވިޝަނުގައި އަލަށް ކުޅުނު މަސް އޮޑިން ދެވަނަ ޑިވިޝަން ކާމިޔާބުކުރީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތައިން ސައްތަ ރެކޯޑަކާ އެކުގައެވެ.

މިއަދުގެ މެޗުގެ 25 ވަނަ މިނެޓުގައި މަސްއޮޑިން ލީޑު ނެގި އިރު، އެޓީމަށް ގޯލު ޖަހައިދިނީ ކެޕްޓަން، އިބްރާހިމް ވަހީދު ހަސަން (އިއްބެ) އެވެ. އެ ގޯލާއެކު ލީޑު ނަގައި ހިތްވަރު ހޯދި މަސްއޮޑިން، ފުރަތަމަ ހާފުގައި އިތުރު ގޯލެއް ޖަހައި ލީޑު ފުޅާވެސް ކުރިއެވެ. އެ ގޯލު ޖެހީ ހުސެއިން ޝަރީފް (މުޑާ) އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ހުސެއިން ނިޔާޒް މުހައްމަދު (ބޮކުރީ) ޖެހި ގޯލަކުން ވިކްޓަރީ ހިތްވަރެއް ހޯދައި، ދެވަނަ ހާފަށް ނުކުމެ މެޗުގެ ނަތީޖާ ހަމަހަމަ ކުރިއެވެ. އެ ގޯލު ޖެހީ އަކުރަމް އަބްދުލްގަނީ (އަކޫ) އެވެ.

މެޗު އެއްވަރުވާން ދަނިކޮށް، މަސްއޮޑިއަށް ތަށި ޔަގީންކޮށްދިނީ ބިދޭސީ މިޑްފީލްޑަރު، އޮޑީލީ ޗިޑީ ފެލިކްސް ފަހުވަގުތު ޖެހި ގޯލުންނެވެ.

މިފަހަރު ދެވަނަ ޑިވިޝަނުގެ ފެއާޕްލޭ ޓީމަކީ، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބެވެ. އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކީ ނިއުގެ ގާނާ ފޯވާޑް، ކޯފީ އޮވޫސޫއެވެ. އޭނާ ވަނީ ހަތް ގޯލު ޖަހައިފައެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ މަސް އޮޑި ޓީމުގެ އިސްލާމް ފިކްރީއެވެ.