ޕާކިސްތާނުގައި ދިރިއުޅޭ 1.7 މިލިއަން ހިޖުރަވެރިން އެގައުމުން ބޭރުވާން އަންގައިފިއެވެ.

އަފްގާނިސްތާނާއި ޕާކިސްތާނުގެ ބޯޑަރު ގުޅޭ ސަރަހައްދުގައި ހަމަނުޖެހުން އިތުރުވެ ދެ ގައުމުގެ ގުޅުމަށް ހީނަރުކަން އައިސްފައިވާ މި ދަނޑިވަޅުގައި ޕާނިސްތާނުގެ ސަރުކާރުން ވަނީ އެ ގައުމުގައި ދިރިއުޅޭ އަފްގާނިސްތާނަށް ނިސްބަތްވާ 1.7 މިލިއަން ހިޖުރަވެރިން އެ ގައުމު ދޫކޮށް ނޮވެމްބަރު މަހުގެ ކުރިން ދިއުމަށް އަންގާފައެވެ.

ޕާކިސްތާނުން ވަނީ މި ފިޔަވަޅަކީ އެ ގައުމުގައި ގިނަވެފައިވާ، ގަވާއިދާ ހިލާފަށް ދިރިއުޅޭ ހިޖުރަވެރިން ގައުމުން ނެރެން އެޅި ފިޔަވަޅެއް ކަމުގައި ބުނެފައެވެ. ނަމަވެސް ޕާކިސްތާނުގައި މި ފިޔަވަޅުގެ ސަބަބުން ދެ ގައުމު ދެމެދުގައި އުފެދިފައިވާ މައްސަލަ އިތުރަށް ގޯސްވެގެން ދާނެކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ޕާކިސްތާނުގެ މި ނިންމުން ގަބޫލު ނުކުރެވޭ ކަމަށް އަފްގާނިސްތާނުގެ ސަރުކާރު ކޮންޓްރޯލު ކުރާ ތާލިބާނުން ވަނީ ބުނެފައެވެ. ތާލިބާނުން ވަނީ މި މައްސަލައާއި މެދު ޕާކިސްތާނުން އަލުން ވިސްނުމަށް ގޮވާލާފައެވެ.

ޕާކިސްތާނުގައި މިދިޔަ ހަފުތާގައި އެ ގައުމުގެ މަސްތަންގް ސިޓީގައި ހުންނަ މިސްކިތެއް ކައިރީ ކުރިޔަށް ގެންދިޔަ ދީނީ އެއްވުމެއްގައި ބޮމެއް ގޮއްވާލައި 50 މިހުން މަރުވުމާއެކު އެ ގައުމުން ވަނީ އެކަން އަފްގާނިސްތާނުގެ ބޮލުގައި އަޅުވާފައެވެ. އަދި އެކަމުގެ ސަބަބުން އަފްގާނިސްތާނާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ޕާކިސްތާނުން ވަނީ ބުނެފައެވެ.