އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލުން އެންމެފަހުން ކުޅުނު މެޗުގައި ރެފްރީންގެ ނިންމުމާ ހެދި ލިވަޕޫލަށް ގެއްލުނު ގޯލަށް އިންސާފު ލިބޭނީ މެޗު އަލުން ކުޅެގެން ކަމަށް ގަބޫލުކުރާ ކަމަށް ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނެފިއެވެ.

ލިވަޕޫލުން އެންމެފަހުން ލީގުގައި ޓޮޓެންހަމްއާ ދެކޮޅަށް ކުޅުނު މެޗުން 2-1 އިން ބަލިވެފައިވާ އިރު، އެ މެޗުގައި ލިވަޕޫލްގެ ލުއިސް ޑިއާޒް ޖެހި ގޯލެއް އޮފްސައިޑް ކަމަށް ދެއްކީ ގޯސްކޮށްކަމަށް ވަނީ ނިންމައިފައެވެ. ލައިސްމަން ޑިއާޒް އޮފްސައިޑް ކަމަށް މެޗުގައި ނުބައިކޮށް ނިންމި ނަމަވެސް، ވީއޭއާރް ބަލަން ތިބި ޑެރެން އިންގްލެންޑާއި ޑޭން ކުކްވެސް އެ ނުބައި ރަނގަޅު ކޮށްދީފައެއް ނުވެއެވެ.

އެ ނިންމުމާ މެދު ހިތްހަމަ ނުޖެހި ލިވަޕޫލުން މައްސަލަ ހުށަހަޅާފައިވެސްވެއެވެ. އަދި އެކަމާ ގުޅިގެން ރެފްރީންގެ އެންމެ އިސް ފަރާތުން ލިވަޕޫލްގެ ކިބައިން މައާފަށް އެދިފައިވެއެވެ. އެ ހިސާބުންވެސް މައްސަލަ ނިމިފައިނުވާ އިރު، ލިވަޕޫލުން ވަނީ އެ ވަގުތު މެޗުގެ ރެފްރީންނާއި ވީއޭއާރްގެ ރެފްރީންނާ ދެމެދު ދެކެވުނު ވާހަކަތައް އަޑުއަހަންވެސް އެދިފައެވެ.

އެގޮތަށް ލިވަޕޫލުން އެދުމާއެކު ރެފްރީންގެ ބޮޑީން ވަނީ އޯޑިއޯ އާންމުކޮށްފިއެވެ. އޯޑިއޯގައި އިވޭ ގޮތުން އެ ނިންމުމަކީ މުޅިން ގޯސް ނިންމުމެކެވެ. ވީއޭއާރް ބަލައި ރެފްރީގެ ވާހަކައިން އެނގޭ ގޮތުގައި ދަނޑުމަތީގައި ނިންމި ނިންމުމަކީ ކޮބައިކަން ރަނގަޅަށް ނުބަލައި އޭނާ ވަނީ މެޗު ރެފްރީއަށް އިރުޝާދު ދީފައެވެ.

ޑިއާޒް ޖެހީ ގޯލެއް ކަމަށް މެޗުގެ ރެފްރީ ނިންމި ކަމަށް ބަލައި، ވީއޭއާރް ބަލަން އިން ޑެރެން މެޗު ރެފްރީއަށް އިރުޝާދު ދިނީ ނިންމުން ރަނގަޅު ކަމަށެވެ. އެހެންނަމަވެސް މެޗު ރެފްރީ ނިންމާފައި އޮތީ ޑިއާޒް އޮފްސައިޑް ކަމަށެވެ. އެކަން މާފަހުން ވީއޭއާރް ރެފްރީއަށް އެނގި، ނިންމުން ގޯސް ކަމަށް ބުނާ އަޑުވެސް އޯޑިއޯގައި އިވޭ އިރު، އެ ނިންމުމަށް އިތުރު ގޮތެއް ނުހެދޭނެ ކަމަށް ރެފްރީ އެ ހިސާބުން ބުނެއެވެ.

ކްލޮޕް މިއަދު ބުނީ މިހާތަނަށް ޕްރިމިއާ ލީގުގައި އެކަހަލަ ނާއިންސާފު ނިންމުމެއް ފެނިފައި ނުވާ ކަމަށާއި، އިންސާފު ލިބޭނީ މެޗު އަލުން ކުޅެގެން ކަމަށެވެ.

"މިހާތަނަށް އެކަހަލަ ބޭއިންސާފު ނިންމުމެއް ފެނިފައެއް ނުވޭ. އެހެންވީމަ އެކަމަށް އެންމެ އެކަށޭނެ ގޮތެއްގައި އިންސާފު ލިބެން އޮތް ހަމައެކަނި ގޮތަކީ މެޗު އަލުން ކުޅުން. އަހަންނަށްވެސް އެނގޭ އެއީ ގަސްދުގައި ހެދި ގޯހެއް ނޫންކަން. އެކަމަކުވެސް އެކަހަލަ ގޯސް ހެދިގެން ނުވާނެ. އަވަސް އަރުވާލައިގެން ގޮތް ނިންމިކަން، ސަމާލުކަން ނުދީ އޮފިޝަލުން ތިބިކަން އޯޑިއޯއިން އެނގޭ،" ކްލޮޕް ބުންޏެވެ.

ލިވަޕޫލްގެ ފަރާތުން މެޗު އަލުން ކުޅުމަށް ރަސްމީކޮށް އެދުނުކަން، ނުވަތަ ނޫންކަން އަދި ޔަގީންވެފައެއް ނުވެއެވެ. ކްލޮޕް ބުނީ މިވަގުތު ކްލަބަށް ލިބިފައިވާ މައުލޫމާތުތަކާއެކު ރަސްމީ ސިފައެއްގައި މައްސަލަ އިތުރަށް ކުރިއަށް ގެންދެވޭނެ ގޮތްތަކެއް ބަލަމުން އަންނަ ކަމަށެވެ.

ކްލޮޕް މިއަދުގެ ޕްރެސްގައި އިތުރަށް ބުނީ މެޗު ތެރެއިންވެސް ރެފްރީންނަށް ގޯސް ރަނގަޅުކުރަން ފުރުސަތު ލިބުނު ނަމަވެސް، އެކަން ނުކުރިކަން އެނގެން އެބައޮތް ކަމަށާއި، އަލުން މެޗު ކުޅުމަކީ ހަމައެކަނި ލިބޭނެ ފުރުސަތު ކަމަށެވެ.

މީގެ ކުރިން އިނގިރޭސި ފުޓުބޯޅައިގައި ރެފްރީގެ ގޯހަކުން އަލުން މެޗެއް ކުޅެފައެއް ނުވެއެވެ. 1999 ވަނަ އަހަރު އެފްއޭ ކަޕްގެ ތިންވަނަ ބުރުގައި އާސެނަލުން ޝެފީލްޑް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުގައި، ޝެފީލްޑުން ޖެހި ގޯލެއްގެ ސަބަބުން އާސެނަލުން އަލުން މެޗު ކުޅެން އެދުނު ނަމަވެސް، އެގޮތަށް ނިންމާފައެއް ނުވެއެވެ. އާސެނަލްގެ ކޯޗަކަށް އޭރު ހުރީ އާސެން ވެންގާއެވެ.