ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލުން ކުޅުނު މެޗުގައި އެޓީމުގެ އިންގްލެންޑް ތަރި ބުކަޔޯ ސަކާއަށް ލިބުނު އަނިޔާއަކީ ބޮޑު މާޔޫސްކަމެއް ކަމަށް ކޯޗު މިކޭލް އާޓެޓާ ބުނެފިއެވެ.
އާސެނަލުން ރޭ ރަށުން ބޭރުގައި ކުޅުނު މެޗުގައި ލެންސް ކައިރިން ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗުގައި އާސެނަލުން ޖެހި ހަމައެކަނި ގޯލަށް ގެބްރިއަލް ޖީސަސްއަށް އެސިސްޓް ކޮށްދިނީ ސަކާ ނަމަވެސް، މެޗުގެ 34 ވަނަ މިނެޓުގައި އޭނާއަށް އަނިޔާވެ ބާލަން ޖެހުނެވެ.
އެންމެފަހުން އާސެނަލުން ކުޅުނު ދެ މެޗުގައިވެސް ސަކާ ފުރަތަމަ 11 އަށް ނުކުމެފައިވަނީ ކޮންމެވެސް ވަރެއްގެ އަނިޔާގެ މައްސަލަތަކެއްގައި ހުރެގެންނެވެ. ލީގުގައި މިހާތަނަށް އާސެނަލް ބަލިވެފައިނުވާ އިރު، އެންމެފަހުން ލީގުގައި ކުޅުނު މެޗަށްވެސް ސަކާ ނުކުތީ އަނިޔާއެއްގެ ޝައްކުގައި ހުރެގެންނެވެ. އެ ރިސްކާއެކު ކުޅެމުން ދަނިކޮށް، ރޭ މެޗުން ސަކާ ބާލަން ޖެހުނީ އެއްވެސް ވަރަކަށް ކުޅުން ކުރިއަށް ނުގެންދެވިގެންނެވެ.
"އަދި ނުވެސް އެނގޭ ސަކާއަށް ލިބުނު އަނިޔާގެ އެއްވެސް ތަފުސީލެއް. ސަކާ ބެކްހީލް ޕާހެއް ޖެއްސިތަނުން މަސްގަނޑަށް އަނިޔާއެއް ލިބުނު. އެ ހިސާބުން އަނިޔާވެ އަވަހަށް ބޭލީ އިތުރަށް ހާލަތު ގޯސްވެދާނެތީ. ސަކާއަށް އަނިޔާވުމަކީ ޓީމަށް ލިބުނު ވަރަށް ބޮޑު މާޔޫސްކަމެއް. އެއީ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ،" އާޓެޓާ ރޭ ބުންޏެވެ.
އުމުރުން 22 އަހަރުގެ ސަކާ ރޭގެ މެޗަށް ނެރުމަކީ ހެދުނު ގޯހެއްތޯ އާޓެޓާއާ ސުވާލުކުރުމުން އޭނާ ބުނީ "އޭގެ ކުރީ ހަފުތާ ސަކާއަށް މާ ބޮޑު އަނިޔާއެއް ނުވާ،" ކަމަށާއި، ރޭގެ މެޗަށް ސަކާ ނެރެވުމަކީ އެކަމާ ހިތާމަކުރާ ކަމެއް ނޫން ކަމަށެވެ.
ސަކާއަކީ ބްރޭކެއް ނެތި އާސެނަލަށް އެންމެ ގިނަ މެޗުތަކެއް ކުޅެމުން އަންނަ އެއް ކުޅުންތެރިޔާއެވެ. ކަރަބޯއާ ކަޕްގައި އާސެނަލުން ކުޅުނު މެޗަށް ސަކާ ބެންޗް ކުރި ނަމަވެސް، އޭގެ ކުރިން ޖެހިޖެހިގެން އޭނާ ވަނީ 87 މެޗު އާސެނަލަށް ކުޅެފައެވެ. އެހެންކަމުން ސަކާ އަކީ އާއްމުކޮށް އަނިޔާއާ ދުރު ކުޅުންތެރިއެކެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު