ޚަބަރު

އަޅުގަނޑަކީ ދެން އަންނަ ސަރުކާރުގެ ބައިވެރިއެއް: ނަޝީދު

އިބްރާހިމް ޒަކީ

އެ މަނިކުފާނަކީ އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ބައިވެރިއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނަޝީދު އެހެން ވިދާޅުވީ، މުއިއްޒުގެ ސަރުކާރާ ގުޅޭ ގޮތުން ނުބައި މޭރުމެއްގައި ވާހަކަ ދައްކައި ބޭރުގެ ފަރާތްތަކަށް މެސެޖުތަކެއް ކުރަމުންދާކަން ފާހަގަކުރައްވަމުންނެވެ. އެގޮތުން މުއިއްޒުގެ ސަރުކާރާމެދު ބަދުބަސް ބުނެ، މި ސަރުކާރުގެ ބައެއް ވަޒީރުން ބޭރުގެ އެކިއެކި ފަރާތްތަކަށް މެސެޖު ކުރަމުންދާ ކަމަށް ނަޝީދު ވަނީ ތުހުމަތު ކުރައްވައިފައެވެ.

ނަޝީދު ވިދާޅުވީ، އެ މެސެޖުތައް އެ މަނިކުފާނަށް ވެސް ލިބިވަޑައިގަންނަވާ ކަމަށާއި ނަމަވެސް އެ މަނިކުފާނަކީވެސް ދެން އުފެދޭ ސަރުކާރެއްގެ ބައިވެރިވާ ބޭފުޅަކަށްވާތީ، އެކަންކަން ސާފުނުކޮށްދެވޭ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު އެބަ ދަންނަވަން އެ ވިދާޅުވާ ސަރުކާރުގައި އަޅުގަނޑުވެސް ބައިވެރިވެއޭ، އެހެންވީމާ އަޅުގަނޑަށް ވަރަށް އުނދަގޫވެއޭ، ތި ސާފުކޮށްދޭން، އެހާ ގޯސްކަމެއް ރާއްޖޭގައި ވާން އުޅޭ ކަމަށް،" ނަޝީދު ވިދާޅުވިއެވެ.

މަޖިލިސް ރައީސް ވަނީ ދުނިޔޭގެ އެކި ތަންތަނަށް އެގޮތަށް މެސެޖު ފޮނުވާ ނުހެއްދެވުމަށް ވަޒީރު ބޭފުޅުންނަށާއި އެހެން އިއްޒަތްތެރިންނަށް އިލްތިމާސް ކުރައްވައިފައެވެ.

ނަޝީދު އިސްވެ ހުންނަވައިގެން އުފެއްދެވި ދަ ޑިމޮކްރެޓްސްއިން މީގެ ކުރިން ވަނީ މުއިއްޒުގެ ސަރުކާރުގައި ބައިވެރިވާ ކަމަށް ބުނެފައެވެ.