އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެރޮން ރޮސްލާއާ މިއަދު ބައްދަލުކުރައްވައިފިއެވެ.
މިއީ މަގާމަށް އިންތިހާބުވުމަށް ފަހު ޑރ. މުއިއްޒު ބޭރުގެ ސަފީރަކާ ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ. މި ބައްދަލުވުން ކުރިއަށް ގެންދިޔައީ، މުއިއްޒުގެ އަމިއްލަ ގެކޮޅު، މ. ދިމްޔާތުގައެވެ.
އެ ބައްދަލުވުމުގައި މުއިއްޒުގެ އަރިހުގައި އިންތިހާބީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އިނގިރޭސި އެމްބަސީގެ އޮފިޝަލަކު ވެސް ސަފީރުގެ އަރިހުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ. ނަމަވެސް މި ބައްދަލުވިމާ ގުޅޭ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މަތީ ތައުލީމު ހާސިލުކުރެއްވީވެސް އިނގިރޭސިވިލާތުގެ، ލަންޑަން ޔުނިވަސިޓީންނާއި ލީޑްސް ޔުނިވަސިޓީންނެވެ.
ޑރ. މުއިއްޒުގެ ކާމިޔާބީއަށް ފަހު އެކަން ފާގަގަކުރުމަށް މިދިޔަ ހޯމަ ދުވަހުގެ ރޭ ސޯޝަލް ސެންޓަރުގައި ބައްދަލުކުރައްވައި ދެއްކެވި ވާކަހަފުޅުގައިވެސް އެ މަނިކުފާނު ވަނީ، ހާރިޖީ ސިޔާސަތަކީ 'ޕްރޯ މޯލްޑިވްސް' ސިޔާސަތު ކަމަށް ވިދާޅުވެފައެވެ. އަދި އެ ސިޔާސަތު ގަބޫލުކުރާ ކޮންމެ ގައުމަކާ އެކުވެސް ގުޅުން އިތުރަށް ބަދަހިކުރައްވާނޭ ކަމަށް ވިދާޅުވިއެވެ.
ހަމަ އެގޮތަށް އަވަށްޓެރި އިންޑިޔާގެ ސަފީރު ވެސް ބައްދަލުކުރައްވަން އެދިވަޑައިގެންފައިވާ ކަމަށް ވިދާޅުވެ އިތުރަށް ވިދާޅުވީ އިންޑިއާ ސަފީރާ އެކު ވަރަށް އަވަހަށް ބައްދަލުކުރައްވާނޭ ކަމަށެވެ.