ވެރިކަމަށްފަހު ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ފުރުސަތު ދެއްވުމަށް ގަރާރެއް ހުށަހަޅައިފިއެވެ.
އިމާދުއްދީން ސްކޫލުގައި މިރޭ ބޭއްވި ގައުމީ މަޖިލިސް ބައްދަލުވުމުގައި އެ ގަރާރު ހުށަހެޅުއްވީ އެމްޑީޕީގެ ތިމަރަފުށީ ދާއިރާގެ ރައީސް އަންވަރު އިބްރާހީމެވެ.
އަންވަރު ހުށަހެޅުއްވި ގަރާރުގައި ވަނީ، އެމްޑީޕީގެ މެންބަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ކުރިން ރައީސުލްޖުމްހޫރިއްޔާކަން އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ކުރައްވާފައިވާ ބޭފުޅުންނަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ފުރުސަތު ދެއްވުމަށެވެ.
"ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓި އިގުރާރުވަނީ މި ޕާޓީގެ މެންބަރެއްގެ ގޮތުގައި ހުންނަވައިގެން ދިވެހިރާއްޖޭގެ ރައީސުލްޖުމްހުރިއްޔާކަމާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ކުރައްވާފައިވާ ބޭފުޅުންނަކީ މި ޕާޓީގެ މެންބަރެއްގެ ގޮތުގައި ހުންނެވިހާ ހިނދެއްގައި މި ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރެކެވެ..،" އަންވަރުގެ ގަރާރުގައިވެއެވެ.
ރައީސް ސޯލިހު މިވަގުތު އެމްޑީޕީގެ ގައުމީ މަޖިލީހުގައި ހިމެނިވަޑައިގަންނަވަނީ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުންނެވެ. ނަމަވެސް ޕާޓީގެ އިތުރު އެއްވެސް މަގާމެއް ފުރުއްވަމުން ގެންދަވާތީ، މި ދައުރު ނިމުމާއެކު އެމަނިކުފާނު އެމްޑީޕީގެ ގައުމީ މަޖިލީހުގައި ހިމެނިވަޑައެއް ނުގަންނަވާނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ސަރުކާރުގެ މިނިސްޓަރުންނަށް ވެސް އެމްޑީޕީގެ ގައުމީ މަޖިލީހުން ފުރުސަތު ލިބެއެވެ. މި ސަރުކާރުގެ ދައުރު ހަމަވުމުން، ޕާޓީގެ މަގާމެއް އަދާނުކުރައްވާތީ ބައެއް މިނިސްޓަރުންނަށް ވެސް އެމްޑީޕީގެ ގައުމީ މަޖިލީހުން ފުރުސަތު ގެއްލޭނެއެވެ.
މިރޭގެ ބައްދަލުވުން ނިންމާލާފައިވަނީ އަންވަރުގެ ގަރާރަށް ވޯޓަށް ނާހައެވެ. ނަމަވެސް މިރޭގެ ބައްދަލުވުމުގައި އެމްޑީޕީގެ ގައުމީ މަޖިލީހުން ވަނީ ނިޒާމީ ވޯޓަކަށް ގޮސްފި ނަމަ، ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރަން ނިންމައި، ގަރާރެއް ފާސްކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު