ޗައިނާގެ ހަންގްޒޫގައި މިހާރު ކުރިއަށްދާ 19 ވަނަ އޭޝިއަން ގޭމްސްގެ ބެޑްމިންޓަންގެ އަންހެން ސިންގަލްސް ގަދަ 16 އިން ރާއްޖޭގެ ފާތިމަތު ނަބާހާ އަބްދުއްރައްޒާގު (ނަބާ) ޖާގަ ހޯދައިފިއެވެ.
އޭޝިއާގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތް ކަމަށްވާ އޭޝިއަން ގޭމްސްގެ ބެޑްމިންޓަން އިވެންޓްގައި މިހާރު ކުރިއަށް ދަނީ އިންޑިވިޖުއަލް އިވެންޓްތަކެވެ. އިންޑިވިޖުއަލް އިވެންޓުތަކުގައި ރާއްޖެއިން ވާދަކުރި ކުޅުންތެރިންގެ ތެރެއިން ދެވަނަ ބުރުން ޖާގަ ހޯދި ހަމައެކަނި ކުޅުންތެރިއަކީ ނަބާއެވެ. އެހެން ހުރިހާ ކުޅުންތެރިން ވަނީ ފުރަތަމަ ބުރުން ކަޓައިފައެވެ.
އަންހެން ސިންގަލްސްގެ ގަދަ 32ގެ ބުރުގައި އިއްޔެ ނަބާ މޮޅުވީ އިރާންގެ ޔެގާނޭ ކަރްމާނީ އަތުން 2-1 ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓު ވާދަވެރި ކުޅުމަކަށްފަހު 20-22 އިން ކާމިޔާބުކުރީ ޔެގާނޭއެވެ. ނަބާ މެޗުން މޮޅުވީ ފަހު ދެސެޓު ކާމިޔާބުކޮށްގެންނެވެ. އެގޮތުން 21-13 އަދި 21-17 އިން ފަހު ދެސެޓު ނަބާ ހޯދީ މޮޅަށް ކުޅެ، ދެ ސެޓުވެސް ޑޮމިނޭޓް ކޮށްގެންގެންނެވެ.
އަންހެން ސިންގަލްސްގައި ދެން ވާދަކުރި ރާއްޖޭގެ އާމިނަތު ނަބީހާ ބަލިިވީ ކޮރެއާގެ ކިމް ގައެއުން އަތުން ސީދާ ދެ ސެޓުންނެވެ. މެޗުގެ ސެޓުތައް ނިމުނީ 1-21 އަދި 2-21 އިންނެވެ. ފިރިހެން ސިންގަލްސްގައި ގައުމީ ޗެމްޕިއަން ހުސެއިން ޒަޔާން ޝަހީދު ޒަކީ ބަލިވީ ތައިލެންޑުގެ ކަޓަޕޮން ވަންގްޗަރެއޮން އަތުން ސީދާ ދެ ސެޓުންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ 21-3 އަދި 21-5 އިންނެވެ.
ރާއްޖޭގެ އަހުމަދު ނިބާލު ވެސް ބަލިވީ ދެސެޓުންނެވެ. ސިންގަޕޫރުގެ ޖޭސަން ޓޭ އަތުން ނިބާލް ބަލިވީ 21-8 އަދި 21-12 އިންނެވެ.
ޑަބަލްސް އިވެންޓަށް ބަލާއިރު، އަންހެން ޑަބަލްސްގެ ދެ ވަނަ ބުރުގައި ނަބީ އާއި ނަބާ ޕެއާ ބަލިވީ އިންޑިއާގެ އިންޑިއާގެ ޓްރީސާ ޖޮލީ އާއި ގައިތްރީ ގޯޕީޗަންދު އަތުން 21-14 އަދި 21-12 އިންނެވެ.
ގައުމީ ބެޑްމިންޓަން ޓީމުގެ މައިސާ ފަތުހުﷲ އިސްމާޢީލާއި އައިޝަތު އަފްނާން ރަޝީދުގެވެސް ބަލިވީ އިންޑިއާގެ ޕެއާ އެއް އަތުންނެވެ. މެޗުގެ ފުރަތަމަ ސެޓު އިންޑިއާގެ ތަނީޝާ ކްރަސްޓޯ އާއި އަޝްވިނީ ޕޮންނައްޕާ 21-2 އިން ހޯދާފައިވަނިކޮށް ދެވަނަ ސެޓުގައި މައިސާއަށް ލިބުނު އަނިޔާއަކާ ގުޅިގެން ރާއްޖޭގެ ޕެއާއިން ވަނީ އެމެޗު ދޫކޮށްލާފައެވެ.
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް