ލިވަޕޫލުން އެންމެފަހުން ލީގުގައި ކުޅުނު މެޗުގައި ވީއޭއާރް ބަލަން ތިބި އޮފިޝަލުން މި ހަފުތާ ލީގު މެޗުތަކަށް ނުނަގައި މަޑުޖައްސާލައިފިއެވެ.

ލިވަޕޫލުން އެންމެފަހުން ލީގުގައި ޓޮޓެންހަމްއާ ދެކޮޅަށް ކުޅުނު މެޗުން 2-1 އިން ބަލިވެފައިވާ އިރު، އެ މެޗުގައި ލިވަޕޫލްގެ ލުއިސް ޑިއާޒް ޖެހި ގޯލެއް އޮފްސައިޑް ކަމަށް ދެއްކީ ގޯސްކޮށްކަމަށް ވަނީ ނިންމައިފައެވެ. ލައިސްމަން ޑިއާޒް އޮފްސައިޑް ކަމަށް މެޗުގައި ނުބައިކޮށް ނިންމި ނަމަވެސް، ވީއޭއާރް ބަލަން ތިބި ޑެރެން އިންގްލެންޑާއި ޑޭން ކުކްވެސް އެ ނުބައި ރަނގަޅު ކޮށްދީފައެއް ނުވެއެވެ.

އެ ނިންމުމާ މެދު ހިތްހަމަ ނުޖެހި ލިވަޕޫލުން މައްސަލަ ހުށަހަޅާފައިވެސްވެއެވެ. އަދި އެކަމާ ގުޅިގެން ރެފްރީންގެ އެންމެ އިސް ފަރާތުން ލިވަޕޫލްގެ ކިބައިން މައާފަށް އެދިފައިވެއެވެ. އެހިސާބުންވެސް މައްސަލަ ނިމިފައިނުވާ އިރު، ލިވަޕޫލުން ވަނީ އެ ވަގުތު މެޗުގެ ރެފްރީންނާއި ވީއޭއާރްގެ ރެފްރީންނާ ދެމެދު ދެކެވުނު ވާހަކަތައް އަޑުއަހަންވެސް އެދިފައެވެ.

ރެފްރީން ދެއްކި ވާހަކަ ލިވަޕޫލަށް ފޯރުކޮށްދޭން ރެފްރީންގެ މައި ޖަމިއްޔާ ޕީޖީއެމްއޯއެލްއިން އެއްބަސްވެ، އެ މަސައްކަތް މިހާރު ކުރަމުންދާ އިރު، މި ހަފުތާގެ މެޗުތަކަށް ވީއޭއާރް ދެ އޮފިޝަލުންވެސް ނަގައިފައެއް ނުވެއެވެ. މިހަފުތާގެ މެޗުތަކަށް ނަގައިފައި ނުވަނީވެސް އެ ދެ އޮފިޝަލުން އެކަންޏެވެ.

ލިވަޕޫލާއި ޓޮޓެންހަމް ވާދަކުރި މެޗުގައި މެޗު ރެފްރީކަން ކުރި ސިމޮން ހޫޕާއާއި އެ މެޗުގެ ދެ ލައިންސްމަން އަދި ހަތަރުވަނަ ރެފްރީ މައިކަލް އޮލިވާވެސް ވަނީ މި ހަފުތާގެ ލީގު މެޗުތަކަށް ނަގައިފައެވެ.