ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހުގެ އިދާރާގައި މިއަދު ބައްދަލު ކުރައްވާނެކަން އިއުލާނުކޮށްފި އެވެ.

އެ ދެ ބޭފުޅުން މިއަދު ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާކަމަށް އިއުލާން ކުރެއްވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. މަޖިލިސް ރައީސް ވިދާޅުވީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު 11:00 ގައި، އެމަނިކުފާނާ ބައްދަލު ކުރެއްވުމަށް މަޖިލީހަށް ވަޑައިގަންނަވާނެ ކަމަށެވެ.

"މިއަދު 11:00 ޖަހާއިރުގައި ޕްރެޒިޑެންޓް އިލެކްޓް ޑރ. މުއިއްޒު އެބަ ވަޑައިގަންނަވާ މަޖިލީހަށް. އަޅުގަނޑު ގަސްތު ކުރަނީ އެހެންވީމާ އަޅުގަނޑުމެން ސައިގެ ފަހުން ބައްދަލުވާއިރުގައި 11:20 ގައި ނުވަތަ 11:30 ގައި އަޅުގަނޑުމެން ޖަލްސާ ފަށަން،" މިއަދުގެ ޖަލްސާ ސައިގެ ވަގުތަށް މެދުކަނޑުއްވައިލެއްވުމުގެ ކުރިން ނަޝީދު އިއުލާނު ކުރެއްވި އެވެ.

މިއަދުގެ ޖަލްސާގައި މަޖިލިސް ރައިސް ވަނީ، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް މަރުހަބާ ވިދާޅުވެފައެވެ.

އިންތިހާބީ ރައީސް ޑރ. މުއިއްޒު މިއަދު މަޖިލީހުގެ ރައީސާ ބައްދަލުކުރައްވާއިރު ސަރުކާރު ބަދަލުވުމުގެ މަރުހަލާ ކުރިއަށް ގެންދިއުމަށް ކޮމެޓީތައް އެކުލަވާލައި، އެ މަސައްކަތް މިހާރު ވަނީ ފަށައިފައެވެ. ޑރ. މުއިއްޒު އެކުލަވައިލެއްވި އިންތިގާލީ ކޮމެޓީގެ ވެރިޔަކަށް ހަމަޖެއްސީ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.