ނިމިދިޔަ ރިޔާސީ އިންތިހާބުގައި ރައްޔިތުން ނިންމީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބެން ބޭނުން ނުވާކަން ކަމަށާއި އެކަން އެ ގައުމުގެ ސަރުކާރަށް ދަންނަވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކާމިޔާބީ ފާހަގަކުރުމަށް ޕީޕީއެމް-ޕީއެންސީން ސޯޝަލް ސެންޓަރުގައި މިރޭ ބޭއްވި ޖަލްސާގައި އިންތިހާބީ ރައީސް، ޑރ. މުއިއްޒު ވިދާޅުވީ، އިސްކުރައްވާނީ ގައުމުގެ މަސްލަހަތު ކަމަށާއި ހާރިޖީ ސިޔާސަތަކަށް ވާނީ ޕްރޯ މޯލްޑިވްސް ސިޔާސަތު ކަމަށެވެ. އަދި އެ ސިޔާސަތަށް އިހުތިރާމުކުރާ ހުރިހާ ގައުމަކާއެކު ހާރިޖީ ގުޅުން ގާއިމުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
"(އިންޑިއާ) ސިފައިން މިތާ ބައިތިއްބާފައި ތިބި ބޭފުޅުން ބޭނުންނުވާނެ މިތަނުގައި އެމީހުން ބައިތިއްބާކަށް، އަޅުގަނޑުމެން އެކަން ބޭނުން ނުވާ ނަމަ. ރައްޔިތުން މިއޮތީ ނިންމާފައި ބޭނުން ނުވާ ކަމަށް. އެހެންވީމާ އަޅުގަނޑުމެންގެ އިހުސާސްތަކާ ދެކޮޅަށް، އަޅުގަނޑުމެންގެ ވިލްއާ ދެކޮޅަށް މިތާގައި ނުތިބެވޭނެ ބޭރުގެ ސިފައިންނަކަށް،" މުއިއްޒު ވިދާޅުވިއެވެ.
އިންޑިއާ ސަފީރަށް އިޝާރާތްކުރައްވައި ޑރ. މުއިއްޒު ވިދާޅުވީ، އެ ހަމަތަކުގެ މަތިން ގާތް ގުޅުން ބާއްވަވާނެ ކަމަށެވެ.
މުއިއްޒު ވިދާޅުވީ، އެކި ގައުމުތަކުގެ ސަފީރުން އޭނާއާ ބަދަލުކުރެއްވުމަށް އެދިވަޑައިގަންނަވަމުން އަންނަ ކަމަށާއި އޮންނަ އުސޫލުގެ ތެރެއިން އެ ބޭފުޅުންނާ ބައްދަލުކުރައްވާނެ ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރަނީ، ދުނިޔޭގެ ހުރިހާ ގައުމަކުންވެސް އަޅުގަނޑުމެންގެ އަމިއްލަވަންތަކަމަށް އިހުތިރާމު އަދާކުރަން ބޭނުންވާނެ. އެ ގައުމުތަކުގެ މިނިވަންކަމާ އެއްގޮތަށް އަޅުގަނޑުމެންގެ މިނިވަންކަން ވެސް ހިމާޔަތް ކުރުމުގެ ހައްގު ލިބިގެންވާނެކަން ގަުބޫލު ކުރާ ގައުމުތަކަށް ވާނެ ކަމަށް،" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ، އޮންނަ އުސޫލުތަކުގެ ތެރެއިން ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ފޮނުވާލާނެ ކަމަށެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ، ރާއްޖޭގެ ދަރަނީގެ ދެބައިކުޅަ އެއްބައި އޮތީ އިންޑިއާއިން ނަގާފައި ކަމަށާއި ޑިޕްލޮމެޓިކް އުސޫލުތަކުގެ މަތިން އެކަމަށްވެސް ހައްލެއް ލިބިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު