އެމަނިކުފާނު އެދިވަޑައިގަންނަވަނީ ނޮވެމްބަރު 11ގައި ސަރުކާރު ބަދަލުވުން ކަމަށާއި އެކަމަށް މަސައްކަތްކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ކުރިމަތިވެވަޑައިގެންނެވި ނާކާމިޔާބީއަށްފަހު ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ނޮވެމްބަރު 11 އަކީ ރާއްޖޭގެ ތާރީހުގައި ވެރިކަންތައް ބަދަލުވަމުން އައި ދުވަސް ކަމަށާއި އެގޮތަށް އެކަން ކުރެއްވުމަށް މަސައްކަތްކުރައްވާނެ ވާހަކަ ކުރިންވެސް ދަންނަވާފައިވާނެ ކަމަށެވެ.

"އޭގެ މަސައްކަތް އަޅުގަނޑު ކުރަމުން އެބަގެންދަން. ގާނޫނީގޮތުން އެއަށް ހުރަހެއް ނެތް ކަމަށްވަންޏާ، ނޮވެމްބަރު 11ގައި ބަދަލުވެގެންދާނެ. ގާނޫނީ ހުރަހެއް އޮތްތޯ، ނެތްތޯ އަޅުގަނޑުމެން ބަލަމުން ގެންދާނަން. އެހެންނޫނިއްޔާ ދައުރު ހަމަކޮށް، ނޮވެމްބަރު 17ގައި ބަދަލުވެގެންދާނެ. އެކަމަކު ނޮވެމްބަރު 11 އަކީ އެކަން ކުރެވޭނެ ދުވަހެއްތޯ އަޅުގަނޑުމެން ބަލަމުން މިގެންދަނީ. އަޅުގަނޑު އެދެނީ ނޮވެމްބަރު 11 އެއީ ސަރުކާރު ބަދަލުވާ ދުވަސްކަމަށްވުން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނާއި ނައިބު ރައީސް ފައިސަލް ނަސީމް އިސްތިއުފާދެއްވުމަކުން ނޮވެމްބަރު 11ގައި އާ ސަރުކާރު ގެނެވެން ނޯންނާނެ ކަމަށާއި އެބޭފުޅުން އިސްތިއުފާދެއްވުމުން ދެން ވެރިކަމުގައި ހުންނަވާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށެވެ. އަދި ނޮވެމްބަރު 11ގައި ސަރުކާރު ބަދަލުކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް އެ މަސައްކަތްކުރައްވާ ކަމަށް ވިދާޅުވެފައިވާ އިރު، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންތިހާބީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ހުވައި ކުރެއްވުމަށްޓަކައި ބާއްވަން ޖެހޭ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ، ނޮވެމްބަރު 17ގައި ބޭއްވުމުގެ އިންތިޒާމުތައް ކުރިއަށްގެންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ވަނީ ބުނެފައެވެ.