ހެޔޮވެރިކަމެއް ކޮށްދެވިއްޖެ ކަމުގެ އިހުސާސް ކުރެވޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ކުރިމަތިވެވަޑައިގެންނެވި ނާކާމިޔާބީއަށްފަހު ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ކެބިނެޓުގެ ވަޒީރުންނާއި ރައީސް އޮފީހުގައި މަސައްކަތްކުރެއްވި ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އެހީތެރިކަން ފޯރުކޮށްދެއްވި މެންބަރުންނާއި އަދި ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ ހިންގުންތެރި ބޭފުޅުންނަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

"ވޭތުވެދިޔަ ފަސް އަހަރު ދުވަހު ދަތިތަކާއި އުނދަގޫތަކާއެކުގައި ވެސް ރައްޔިތުންނަށް ރަނގަޅު ހިދުމަތްތަކެއް ކޮށްދެވިއްޖެކަމުގެ އިހުސާސް އަޅުގަނޑަށް ކުރެވޭ. އަދި ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދެވިއްޖެ ކަމުގެ އުފާ އަޅުގަނޑަށް މިއަދު އިހުސާސްކުރެވޭ. އަޅުގަނޑުގެ މި މަސައްކަތުގައި އަޅުގަނޑާއެކުގައި އެހީތެރިވެދެއްވި ހުރިހާ ބޭފުޅުންނަށް މިއަދު އަޅުގަނޑު ޝުކުރު އަދާކުރަން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ރައްޔިތުން މިހާރު މިވަނީ ގޮތެއް ނިންމާފައި ކަމަށާއި ފަސް އަހަރު ދުވަހަށް އާ ބޭފުޅަކު އިންތިހާބުކޮށްފައިވާ ކަމަށެވެ. އަދި މިހާރު ކުރަމުން އަންނަ މަސައްކަތަކީ އަމާންކަމާއެކު ސަރުކާރު ބަދަލުކުރުމުގެ މަސައްކަތް ކަމަށް ވެސް ވިދާޅުވިއެވެ.

"އިންތިހާބީ ރައީސް ޑރ. މުއިއްޒާ އަޅުގަނޑު އިއްޔެ ބައްދަލުކުރިން. މިކަން ކުރުމަށްޓަކައި ކޮމިޓީއެއް ނަގައި، އެ މަސައްކަތް ފަށައިގަތުމަށް މިހާރު ވަނީ އެއްބަސްވެވިފައި. އަޅުގަނޑު އުންމީދުކުރަނީ މި މަސައްކަތުގެ ތެރެއިން ޕީސްފުލްކޮށް ސަރުކާރު ބަދަލުވެ، އަލުން ހޮވޭ ސަރުކާރު ރައްޔިތުންނަށް ހިދުމަތްކުރުމަށް ފަސޭހައިން ޖާގަ ލިބިގެންދާނެ ކަމަށް،" އެމަނިކުފާނު ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒު ކާމިޔާބުކުރެއްވީ 54.04 ޕަސަންޓުގެ ވޯޓު ހޯއްދަވައިގެންނެވެ. އެމްޑީޕީގެ ކެންޑިޑޭޓް ރައީސް ސޯލިހަށް ލިބިވަޑައިގެންނެވީ 45.96 ޕަސަންޓެވެ.