ޖަލްސާ ބޭއްވުމަށް ބޭނުންވާ ކޯރަމް ހަމަނުވެގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާވެސް ކެންސަލް ކުރާން ޖެހިއްޖެ އެވެ.

މިއަދުގެ ޖަލްސާ ފަށަން ބޭނުންވާ ގަޑިއަށް ކޯރަމް ހަމަވާ އަދަދަށް މެންބަރުން ހާޒިރު ނުވުމުން، ފަސް ވަރަކަށް މިނިޓް ބެއްލެވުމަށްފަހު މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ކޯރަމް ހަމަވާ ވަރަށް މެންބަރުން ހާޒިރުވަޑައިނުގަންނަވާތީ، މަޖިލިސް ޖަލްސާ ފެށުން މަޑުޖެހިފައިވާ ކަމަށެވެ. ޖަލްސާއަށް ވަޑައިގެން ތިއްބެވީ 15 މެންބަރުން ކަމަށް ވިދާޅުވެ، ކޯރަމް ރަނގަބީލު ޖައްސަވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ. މަޖިލީހުގެ ކޯރަމަކީ 22 މެންބަރުންނެވެ.

އެއަށްފަހު 9:15 އެހާކަންހާއިރު މަޖިލިސް ރައީސް ވިދާޅުވީ، ކޯރަމް ރަނގަބީލު ޖެހުމަށްފަހު ބަލަން ޖެހޭ ވަގުތަށްވެސް ބެލިއްޖެ ކަމަށާއި، "މެންބަރުން މަޖިލީހަށް ވަޑައެއްނުގަންނަވާ. އަޅުގަނޑަށް މަޖޫރުވެ މިދަނީ މިއަދުގެ މަޖިލިސް ބައްދަލުވުން ނޯންނާނެކަން އަންގައި އިއުލާންކުރުން،" ކަމަށެވެ.

އެހެންކަމުން މަޖިލީހުގެ މިއަދުގެ ބައްދަލުވުން ނޯންނާނެ ކަމަށާއި، މަޖިލީހުގެ ޖަލްސާއެއް ބާއްވަން އަނެއްކާ މާދަމާ މަސައްކަތް ކުރައްވާނެ ކަމަށާއި، މެންބަރުންނަށް އެޖެންޑާ ފޮނުއްވާނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މެންބަރުން ހާޒިރުވެވަޑައިނުގަންނަވަންޖެހޭ ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށާއި، މާދަމާގެ ޖަލްސާއަށް މެންބަރުން ހާޒިރުވެވަޑައިގަންނަވާނެކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

މިދުވަސްކޮޅު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގެ ފުރަތަމަ މަސައްކަތްތަކެއްގެ ގޮތުގައި އެޖެންޑާ ކުރަމުން ގެންދަނީ، ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާބެހޭގޮތުން މިމަހު 30 ގެ ކުރިން ނެގުމަށް މަޖިލީހުން ފާސްކޮށްފައިވާ، ރައްޔިތުންގު ހިޔާލު ހޯދުމުގެ އާއްމު ވޯޓާ ގުޅޭ މަސައްކަތްތަކެވެ.

ގަރާރެއްގެ ގޮތުގައި، އެ ވޯޓު ނެގުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް މަޖިލިހުން ފާސްކޮށްފައި ވަނީ، ހުސްވި ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

މަޖިލީހުން އެކަން ފާސްކޮށް، އެ މުއްދަތުގެ ކުރިން ވޯޓު ނެގުމަށް އިލެކްޝަންސް ކޮމިޝަނަށް އެންގުމުން، އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ މިމަހު 29 ވަނަ ދުވަހު ނިޒާމީ ވޯޓު ނެގުމަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް ވޯޓުގައި ބޭނުންކުރާނެ ވޯޓު ކަރުދާހުގައި އޮންނަން ޖެހޭ އިބާރާތް ކަނޑައެޅުމަށާއި، އެކަމާބެހޭ ހޭލުންތެރިކަން ކުރިއަށް ގެންދިއުމާބެހޭގޮތުން މަޖިލީހުން ނިންމާ ގޮތައި، އެކަމަށް ބޭނުންވާ ބަޖެޓް ބޭނުންވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ސިޓީއަކުން ވަނީ މަޖިލީހަށް ހުށަހަޅައިފައެވެ.

އެގޮތުން މަޖިލީހުގެ މިއަދުގެ ޖަލްސާގެ ފުރަތަމަ ކަމަކަށްވެސް އޮތީ، ނިޒާމީ ވޯޓާބެހޭގޮތުން އިލެކްޝަންސް ކޮމިޝަނުން މަޖިލީހަށް ފޮނުވާފައިވާ ސިޓީއާ ގުޅޭ މައްސަލަ ކުރިއަށް ގެންދިއުމަށެވެ. އެއަށްފަހު ރައްޔިތުންގެ މަޖިލިސް މިހާރު އެތުރިފައިވާ ގޮތް ބަދަލުކޮށް، 76 މެންބަރުންގެ މަޖިލީހަކަށް ހަދައި ދާއިރާތައް ބަދަލު ކުރުމަށް، ދަ ޑިމޮކްރެޓްސްގެ ހުޅުދޫ ދާއިރާގެ މެންބަރު އިލިޔާސް ލަބީބު ގާނޫނުއަސާސީއަށް އިސްލާހުގެންނަން ހުށަހަޅާފައިވާ ބިލާއި، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ބަދަލު ގެނައުމަށް ސަރުކާރުގެ ފަރާތުން ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްވެސް ވަނީ އެޖެންޑާ ކޮށްފައެވެ.

މީގެ އިތުރުން ނިޒާމީ ވޯޓަށްފަހު ރައްޔިތުންގެ ހިޔާލު ހޯދުމުގެ އިތުރު ވޯޓެއް ނަގަން ނުޖެހޭގޮތަށް ގާނޫނު އިސްލާހު ކުރުމަށް ދަ ޑިމޮކްރެޓްސްގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ހުށެހެޅުއްވި ބިލުގެ ފުރަތަމަ ކިޔުން އިއްވުމަށްވެސް މިއަދުގެ ޖަލްސާއަށް ވަނީ އެެޖެންޑާކޮށްފައެވެ.

އެންމެ ފަހުން މަޖިލީހުގެ ޖަލްސާއެއް ބާއްވަން މަސައްކަތް ކޮށްފައިވަނީ، ހުސްވި ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އެ ދުވަހުގެ ޖަލްސާއަށްވެސް އެޖެންޑާކޮށްފައި އޮތީ ނިޒާމީ ވޯޓާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ފޮނުވާފައިވާ ސިޓީއާ ގުޅޭ މައްސަލަ ކުރިއަށް ގެންދިއުމެވެ.

ކޯރަމް ހަމަނުވެގެން، އެދުވަހުގެ ޖަލްސާ ނުބޭއްވުމުން، މަޖިލިސް ރައީސް ވިދާޅުވީ، ދެން ޖަލްސާއެއް ބާއްވާނީ، މަޖިލީހުގެ މެޖޯރިޓީ ޕާޓީ ކަމަށްވާ އެމްޑީޕީއާ މަޝްވަރާ ކުރުމަށްފަހުގައި ކަމަށެވެ.