ރިޔާސީ އިންތިހާބުގައި ބާތިލް ވޯޓު ގިނަވީ ނިޒާމަށް އިތުބާރު ނުކުރާ މީހުން ގިނަވުމުން ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނެފިއެވެ.

އިއްޔެ ނިމުނު ރިޔާސީ އިންތިހާބު އޮބްޒާވްކުރުމަށް ފަހު، ފާހަގަކުރެވުނު ކަންކަން ހިއްސާކުރުމަށް އެޗްއާރްސީއެމުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ކޮމިޝަނުގެ މެންބަރު އައިމިނަތު ޝިފާއަތު އަބްދުއްރައްޒާގު ވިދާޅުވީ، ރިޔާސީ އިންތިހާބުގައި ބާތިލް ވޯޓު ގިނަ ކަމަށާއި އޭގެން ސާފު ވަނީ ނިޒާމާމެދު އިތުބާރު ނެތް މީހުން ގިނަކަން ކަމަށެވެ.

"ވޯޓު ބާތިލްވުމުގެ ވަރަށް ބައިވަރު ސަބަބުތަކެއް އެބަހުރި. މިސާލަކަށް އެ ސިސްޓަމާ ދޭތެރޭ، ނޫނީ ނިޒާމާ ދޭތެރޭގަ އިތުބާރު ނެތުން މީހުންގެ،" ޝިފާއަތު ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގައި ތިން ޕަސަންޓު މީހުން ބާތިލް ވޯޓު ލާފައިވާކަން ފާހަގަކުރައްވައި ޝިފާއަތު ވިދާޅުވީ، އެ މައްސަލަ ހައްލު ކުރަން މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. އެގޮތުން، ރާއްޖޭގެ ނިޒާމު އޮތް ގޮތުން އިންތިހާބުގައި ވާދަކުރާ އެއްވެސް ކެންޑިޑޭޓަކު ކަމު ނުދާނަމަ, ކަމުދާ ކެންޑިޑޭޓަކު ނެތް ކަމަށް ފާހަގަ ލެވޭނެ ގޮޅިއެއް ނޯންނަ ކަމަށާއި އެކަމުގެ ސަބަބުން ބާތިލް ވޯޓު ގިނަވާ ކަމަށެވެ.

އިއްޔެ ބޭއްވިި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓު ލާފައި ވަނީ 246،915 މީހުންނެވެ. އޭގެ ތެރެއިން 7888 ވޯޓަކީ ބާތިލް ވޯޓެވެ. ފުރަތަމަ ބުރުގައި ބާތިލްވެފައި ވަނީ ދެ ޕަސަންޓު ވޯޓެވެ.