ސަރުކުކާރުގެ މެނިފެސްޓޯގައި މިހާރު ނުނިމި ހުރި ކަންކަން ދައުރުގެ ބާކީ މިއޮތް ދުވަސްތަކުގައި ނިންމުމަށް ހާއްސަ އިސްކަމެއްދެއްވައިގެން މަސައްކަތް ކޮށްދެއްވުމަށް ވަޒީރުންނަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިލްތިމާސްކުރައްވައިފިއެވެ.
ރައީސް މި ގޮތަށް އިލްތިމާސްކުރެއްވީ، ރައީސް އޮފީހުގައި މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައެވެ.
އެ ބައްދަލުވުމުގައި ރައީސް ވަނީ، ވަޒީރުންގެ މަޖިލީހުގެ މެންބަރުން އެއް ޓީމެއްގެ ގޮތުގައި މި ފަސް އަހަރު މަސައްކަތް ކުރައްވައިފައިވާކަން ފާހަގަކުރައްވައި އެބޭފުޅުންނަށް ޝުކުރު އަދާކުރައްވައިފިއެވެ.
ރައީސް ވަނީ މި ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ގިނަ ކަންކަން ހާސިލުކުރެވިފައިވާ ކަމަށް ވިދާޅުވެ، އެކަންކަން ހާސިލުކުރުމުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުން ދެއްވި އެއްބާރުލެއްވުން ފާހަގަކުރައްވައިފައެވެ. އަދި ދައުރުގެ ބާކީ އޮތް ދުވަސްތަކުގައިވެސް މެނިފެސްޓޯގެ ނުނިމި ހުރި ކަންކަން ނިންމެވުމަށް ހާއްސަ ސަމާލުކަމެއް ދެއްވައިގެން މަސައްކަތް ކޮށްދެއްވުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުން ވަނީ، ސަރުކާރުގެ މެނިފެސްޓޯގެ ކަންކަން ހާސިލުކުރެއްވުމަށާއި ވަކިން ހާއްސަކޮށް ކޮވިޑް-19ގެ ބަލިމަޑު ކަމުގެ ދުވަސްވަރާއި ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގެ ދުވަސްވަރު ދިމާވި ދަތި އުނދަގޫ ކަންކަމުން އަރައިގަތުމަށް ރައީސް ދެއްކެވި ނަމޫނާ ލީޑާޝިޕް ފާހަގަކުރައްވައި، އެކަމަށްޓަކައި އެ މަނިކުފާނަށް ޝުކުރު އަދާކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު