ޚަބަރު

މެންބަރު ޝަރީފާއި ނިހާދަށް ހަމަލާދީފި

އިބްރާހިމް ޒަކީ

ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް އާއި، ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދަށް ބަޔަކު ހަމަލާދީފިއެވެ.

ފުލުހުން ބުނީ، މެންހަޓަންގެ ތެރޭގައި ހުންނަވަނިކޮށް ބަޔަކު ޝަރީފަށް ހަމަލާދިން މައްސަލައެއް ރިޕޯޓު ކޮށްފައިވާ ކަމަށާއި، އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ. އެ ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށްވެސް ބުނެފައިވެއެވެ.

ބަޔަކު ހަމަލާދިނުމުގެ ސަބަބުން ޝަރީފަށް އަނިޔާވެފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. އެ ފޮޓޯއިން ފެންނަ ގޮތުގައި، ޝަރީފުގެ ވާތުލޮލާއިދިމާ ވަނީ ވަރަށް ބޮޑަށް ރަތްވެ ދުޅަވެފައެވެ. އަދި ނޭފަތްމަތިންވެސް ބައެއް ޒަހަމްތައް ފެންނަން ހުއްޓެވެ.

ފުލުހުން ބުނީ، ނިހާދުގެ ގައިގައި ޖެހި މައްސަލައެއް މިއަދު ހެނދުނު 11:45 ހާ އިރު ހުށަހަޅާފައިވާ ކަމަށެވެ. އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ވެސް ބަލަމުން އަންނަ ކަމަށް ބުނެފައިވެއެވެ. ނަމަވެސް އެކަމާބެހޭ މައުލޫމާތު ހޯދުމަށް ނިހާދާ ގުޅި ނަމަވެސް ފޯނު ނުނަންގަވާތީ އޭނާއަށް ލިބިވަޑައިގެންނެވި އަނިޔާއާބެހޭ މައުލޫމާތު ވަނީ ލިބޭގޮތް ނުވެފައެވެ.