އިދިކޮޅު، ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބުގެ ދެވަަނަ ބުރުގައި ދެންމެ ވޯޓު ލައްވައިފިއެވެ.

މުއިއްޒު ވޯޓު ލައްވާފައިވަނީ ތާޖުއްދީން ސްކޫލުގައި ބަހައްޓާފައިވާ ވޯޓު ފޮށްޓަކަށެވެ.

ވޯޓު ލެއްވުމަށްފަހު ނުކުމެވަޑައިގެން މީޑިއާއާ ވާހަކަދައްކަވަމުން މުއިއްޒު ވަނީ، ވީހާވެސް އަވަހަކަށް ވޯޓު ލާން ދިއުމަށް އެންމެންނަށް އިލްތިމާސްކުރައްވައިފައެެވެ.

މުއިއްޒުގެ އިތުރުން އޭނާގެ، ރަނިންމޭޓް މުހައްމަދު ހުސެއިން ލަތީފް (ސެމްބެ) ވެސް މީގެ އިރުކޮޅެއް ކުރިން ވަނީ ވޯޓު ލައްވައިފައެވެ. އޭނާ ވޯޓު ލައްވާފައިވަނީ ތާޖުއްދީން ސްކޫލުގައި ހުންނަ ފަރެސްމާތޮޑާ ދާއިރާގެ ވޯޓު ފޮއްޓަށެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވި ގޮތުގައި، ވޯޓުލާން ފަށާ ގަޑި ކަމަށްވާ، 8:00 ގައި 80 އިންސައްތައަށްވުރެ ގިނަ ވޯޓުލާ މަރުކަޒުތަކުގައި ވޯޓުލުން ފެށުނެވެ. ނަމަވެސް އަނެއް 20 ޕަސެންޓް ވޯޓުލާ މަރުކަޒުތަކުގައި ގަޑިއަށް ވޯޓުލުން ނުފެށުނު ސަބަބެއް އޭނާ ވިދާޅެއް ނުވެއެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓުގެ ގޮތުގައި 101،581 ވޯޓު ހޯއްދަވައިގެން 46.06 ޕަސެންޓުން، މާލޭ ސީޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކުރި ހޯއްދަވާފައިވާ އިރު، އެމްޑީޕީގެ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވީ 86،164 ވޯޓެވެ. މިއީ 39.05 ޕަސަންޓެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 282،395 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވީ ނަމަވެސް، ވޯޓުލުމަށް ނުކުމެފައިވަނީ 75 ޕަސަންޓު މީހުންނެވެ. އެއީ އާ ގާނޫނުއަސާސީގެ ދަށުން ބޭއްވި ރިޔާސީ އިންތިހާބުތަކުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން ރިޔާސީ އިންތިހާބެއްގައި ވޯޓުލާން ނުކުތް އެންމެ ދަށް ޕަސަންޓޭޖެވެ. މީގެ ކުރީ ރިޔާސީ އިންތިހާބުތަކުގައި ވަނީ 80 ޕަސަންޓަށްވުރެ ގިނަ މީހުން ވޯޓުލާން ނުކުމެވަފައެވެ. އެގޮތުން 2008ގައި ބޭއްވި ފުރަތަމަ އިންތިހާބުގައި 86.5 ޕަސަންޓު މީހުން ވޯޓުލިއެވެ. އޭގެ ފަހުން ބޭއްވި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި 91.4 ޕަސަންޓު މީހުން ވޯޓުލި އިރު، އެންމެ ފަހުން 2018ގައި ބޭއްވި ރިޔާސީ އިންތިހާބުގައި 89.2 ޕަސަންޓު މީހުން ވޯޓުލިއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ޖުމުލަ އަދަދަކީ 282،803 އެވެ. އޭގެ ތެރޭގައި އިތުރަށް ހިމެނެނީ މިއަދުގެ ނިޔަލަށް 18 އަހަރުފުރޭ 408 ޒުވާނުންނެވެ. އެއީ 196 އަންހެނުންނާއި 212 ފިރިހެންނެވެ.

ދެވަނަ ބުރުގެ ވޯޓުލާ ގަޑި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ އިތުރުކޮށްފައެވެ. ދެވަނަ ބުރުގު ވޯޓުލުން ހަވީރު 5:00 އަށް ކުރިއަށް ގެންދަން ވަނީ ނިންމައިފައެވެ. އަދި ވޯޓު ގުނަން ފަށާނީ ވޯޓު ނަގާ ނިމޭތާ 30 މިނެޓުގެ ހުސްވަގުތު ކޮޅަކަށްފަހުއެވެެ.