ރައްޔިތުންގެ މަޖިލީހަށް 2024 ވަނަ އަހަރު އިންތިހާބު ކުރަން ޖެހޭ އާ ދާއިރާތަކުގެ މައުލޫމާތު އިލެކްޝަންސް ކޮމިޝަންސް (އީސީ)ން އާންމުކޮށްފިއެވެ.

އީސީން އިއްޔެރޭ ވަނީ ރައްޔިތުންގެ މަޖިލީހަށް 2024 ވަނަ އަހަރު އިންތިހާބު ކުރަންޖެހޭ 93 ދާއިރާއާ އެކު އިންތިހާބީ ދާއިރާތައް ކަނޑައަޅާފައިވާ ގޮތުގެ ވަގުތީ ރިޕޯޓު އާންމުކޮށްފައެވެ.

އެ ރިޕޯޓުގައިވާ ގޮތުން މިއަންނަ އަހަރު މަޖިލީހަށް ނުވަ ދާއިރާއެއް އިތުރުވާނެއެވެ. އެގޮތުން އިތުރުވާ ދާއިރާތަކުގެ ތެރޭގައި ހިތަދޫ ދާއިރާ، ހުރާ ދާއިރާ، ކޮލަމާފުށި ދާއިރާ އަދި ފޭދޫ އުތުރު ދާއިރާއެވެ.

ގާނޫނުގައިވާ ގޮތުން މަޖިލީހުގެ ގޮނޑިތައް ކަނޑައަޅާފައި ވަނީ ކޮންމެ 5،000 މީހަކަށް މެމްބަރެއްގެ އުސޫލުންނެވެ. އަލަށް އުފެއްދި ދާއިރާތަކަކީ 5،000 މީހުން ހަމަވުމުގެ ސަބަބުން އުފެއްދި ދާއިރާތަކެވެ. ދާއިރާއަށް ނަން ކިޔަނީ އެ ދާއިރާއެއްގައި ހިމެނޭ އެންމެ އާބާދީ ބޮޑު ރަށުގެ ނަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގައި މިހާރު ތިބެނީ ހިތަދޫ ތަމްސީލުކުރަން، ހިތަދޫ ދެކުނު، ހިތަދޫ މެދު އަދި ހިތަދޫ އުތުރު ދާއިރާއެވެ. ނަމަވެސް އާބާދީ އިތުރުވުމުގެ ސަބަބުން އީސީން ވަނީ ހިތަދޫ ދާއިރާގެ ނަމުގައި އާ ދާއިރާއެއް އުފައްދައިފައެވެ.

މީގެ ކުރިން ކ. ހުރާ ތަމްސީލު ކުރައްވަނީ ތުލުސްދޫ ދާއިރާގެ މެންބަރެވެ. ނަމަވެސް މިއަންނަ އަހަރު ހުރާ ދާއިރާ ތަމްސީލުކުރައްވަން ވަކިން މެންބަރަކު އިންތިހާބުކުރާނެއެވެ. އާބާދީ 5،000 އަށް އިތުރުވުމުގެ ސަބަބުން މިއަންނަ އަހަރު ކޮލަމާފުއްޓަށް ވެސް ވަކިން މެންބަރަކު އިންތިހާބު ކުރާނެއެވެ.

މަޖިލީހަށް ދެން އިތުރުވީ ފޭދޫ އުތުރެވެ. އެހެންކަމުން އަންނަ އަހަރު ފޭދޫ ދެ ދާއިރާއަކުން މަޖިލިސް ތަމްސީލު ކުރާނެއެވެ. އެއީ ފޭދޫ އުތުރު އަދި ފޭދޫ ދާއިރާއެވެ.