ވެލިގާ ހާޑްވެއާއަށް 176،757 ރުފިޔާ ދައްކަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައަކީ ވެލިގާ ހާޑްވެއާއިން އެފްއޭއެމަށް ވިއްކާފައިވާ މުދަލަށް ދޭންޖެހޭ 171،757.10 ރުފިޔާ އާއި ޝަރީއަތުގެ ހަރަދު އެފްއޭއެމްގެ ކިބައިން ހޯދުމަށް އެދި ވެލިގާ ހާޑުވެއާއިން ކޯޓަށް ހުށަހެޅި މައްސަލައެކެވެ.

ވެލިހާ ހާޑްވެއާއިން ކޯޓުގައި އެދިފައި ވަނީ، އެފްއޭއެމަށް ވިއްކާފައިވާ މުދަލަށް އެފްއޭއެމުން ދައްކަންޖެހޭ 171،757.10 ރުފިޔާ ދައްކާފައިނުވާ ކަމަށާއި އެ މައްސަލައިގެ ޝަރީއަތުގެ ހަރަދު ވެލިގާ ހާޑްވެއާއަށް ދޭން ޖެހޭނެ ކަމަށް ކަނޑައަޅައި ދިނުމަށެވެ. އެގޮތުން މައްސަލަ ކޯޓަށް ހުށަހެޅުމަށާއި ގާނޫނީ ވަކީލުންނަށް ހަރަދު ކޮށްފައިވާތީ ޝަރީއަތުގެ ހަރަދުގެ ގޮތުގައި 15،000 ރުފިޔާ ނަގައިދިނުމަށް އެދިފައިވެއެވެ. އަދި އެ ހުރިހާ ފައިސާ އެކީ އެއްފަހަރާ ވެލިގާ ހާޑްވެއާއަށް ދެއްކުމަށް އެފްއޭއެމްގެ މައްޗަށް އަމުރު ކޮށްދިނުމަށްވެސް އެދިފައިވެއެވެ.

މި މައްސަލާބެހޭގޮތުން، އެފްއޭއެމުން ކޯޓުގައި ބުނެފައިވަނީ ވެލިގާއިން ބުނާ މުދަލަނީ ކްރެޑިޓަށް އެތަނުން ނަގާފައިވާ މުދާ ކަމަށާއި އެއަށް ފައިސާ ދެއްކިފައިނުވަނީ މާލީ ގޮތުން އެސޯސިއޭޝަން ދައްވުމުގެ ސަބަބުން ކަމަށެވެ. އަދި މިހާރު ދިމާވެފައިވާ ހާލަތުން އެ ފައިސާއަކީ އެއްފަހަރާ ދެއްކޭނެ ފައިސާއެއް ނޫން ކަމަށާއި އެއް އަހަރު ދުވަހަށް ބަހާލައިގެން އެފައިސާ ދެއްކޭނެ ގޮތް ހަދައިދިނުމަށްވެސް އެދިފައިވެއެވެ.

ނަމަވެސް މި މައްސަލައިގައި، ޝަރީއަތުގެ ހަރަދުގެ ގޮތުގައި ވެލިގާއިން އެދިފައިވާ އަދަދަކީ އެކަށީގެންވާ އަދަދެއްތޯ ބެލި އިރު، އެ ފަރާތުގެ ވަކީލުން ހާޒިރުވެފައިވަނީ އެ މައްސަލައިގެ އެންމެ އަޑުއެހުމަކަށް ކަމަށްވެފައި، އެފްއޭއެމުން ދައުވާއަށް އެއްބަސް ވެފައިވާތީ ޝަރީއަތުގެ އިތުރު މަރުހަލާއެއް ހިނގާފައިނުވާތީ އާއި އެ މައްސަލައަކީ ގާނޫނީ ބޮޑެތި ސުވާލުތަކެއް ނުވަތަ ނުކުތާތަކެއް ހިމެނޭ އުނދަގޫ މައްސަލައަކަށްނުވާތީ، ޝަރީއަތުގެ ހަރަދުގެ ގޮތުގައި ވެލިގާއިން އެދިފައިވާ 15،000 ރުފިޔާ އަކީ ނަގައިދިނުމަށް އެކަށީގެންވާ ވަރަށްވުރެ ބޮޑު އަދަދެއް ކަމަށް ނިންމައި، މިދައުވާގެ ތެރެއިން ޝަރީއަތުގެ ހަރަދުގެ ގޮތުގައި ނަގައި ދިނުމަށް އެކަށީގެންވާ މިންވަރަކީ 5،000 ރުފިޔާ ކަމަށް ކޯޓުން ވަނީ ކަނޑައަޅައިފައެވެ.

އެހެންކަމުން ޝަރީއަތުގެ ހަރަދުގެ ގޮތުގައި، 5،000 ރުފިޔާ އެފްއޭއެމުން ވެލިގާ ހާޑްވެއާއަށް ދައްކަންޖެހޭ ކަމަށް ކަނޑައަޅައި އެތަނުން ނެގި މުދަލަށް ދައްކަންޖެހޭ 171،757.10 ރުފިޔާ އާއި ޝަރީއަތުގެ ހަރަދަށްވާ 5،000 ރުފިޔާ ވެލިގާ ހާޑްވެއާއަށް ލިބިދިނުމުގެ ގޮތުން، އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 25 ގެ ނިޔަލަށް ކޮންމެ މަހަކު 14،729.76 ރުފިޔާ ސިވިލްކޯޓަށް ދައްކައި ހަލާސް ކުރުމަށް އެފްއޭއެމްގެ މައްޗަށް ސިވިލްކޯޓުން ވަނީ ހުކުމް ކޮށްފައެވެ.