ޚަބަރު

އަންނަ އާދިއްތަ ދުވަސް ބަންދު

އަންނަ އާދީއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހަމަޖައްސަވައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ، އަންނަ އާދީއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސީ އަންނަ ހޮނިހިރު ދުވަހަކީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ބާއްވާ ދުވަސް ކަމަށްވުމާ އެކު، އިންތިހާބާ ގުޅޭ އެކިއެކި މަސައްކަތްތަކުގައި ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި އާންމު ރައްޔިތުން ހަރަކާތްތެރިވާނެތީ، އާދީއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިދެއްވުމަށް، އިލެކްޝަންސް ކޮމިޝަނުން އެދުމުން ކަމަށެވެ.

އިއްޔެ އާއި މިއަދުވެސް ސަރުކާރު ބަންދެވެ. އަންނަ ހަފުތާގެ އާދިއްތަވެސް ބަންދު ކުރުމުން ސަރުކާރު މުވައްޒަފުނަށް ބަންދުގެ ގޮތުގައި ފަސް ދުވަސް ލިބޭނެއެވެ.

މި މަހު 9 ގައި ބޭއްވީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށް ފަހު، 10 އަދި 11 ވަނަ ދުވަހު ވެސް ސަރުކާރު ބަންދުކުރިއެވެ.

ދެވަނަ ބުރުގައި ވޯޓުލުމުގެ ހައްގު ލިބެނީ 282،803 މީހަކަށެވެ. އަލަށް ވޯޓުލުމުގެ ހައްގު ލިބެނީ 408 މީހަކަށެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރަނީ ފުރަތަމަ ބުރުން އެންމެ ގިނަ ވޯޓު ހޯއްދެވި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒުއާއި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ފުރަތަމަ ބުރުގައި ޑރ. މުއިއްޒަށް ލިބިވަޑައިގެންނެވީ 46 ޕަސަންޓެވެ. ރައީސަށް ލިބިވަޑައިގެންނެވީ 39 ޕަސަންޓެވެ.

ދެވަނަ ބުރުގައި އިތުރު 12 ފޮށި ބަހައްޓާނެއެވެ. އެއާއެކު އެ އިންތިހާބުގައި ޖުމްލަ 586 ފޮށި ބަހައްޓާނެއެވެ.