އަންނަ ހޮނިހިރު ދުވަހު ބާއްވާ، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓުގައި ކެންޑިޑޭޓުންގެ ފަރާތުން ސޮއި ކުރުން މިއަދު ކުރިއަށް އެބަދެއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއީލް ހަބީބު މިއަދު "ވަން" އަށް ވިދާޅުވީ، އިންތިހާބުގެ ދެވަނަ ބުރުގައި ވާދަ ކުރައްވާ ދެ ކެނޑިޑޭޓުން ކަމަށްވާ، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އިދިކޮޅު ޕީއެންސީގެ ކެނޑިޑޭޓް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ މަންދޫބުން ވޯޓާސް ލިސްޓުގައި ސޮއިކުރަމުން އަންނަ ކަމަށެވެ.
އެ ލިސްޓުގައި، ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ ފަރާތްތަކުން ސޮއިކުރުމުގެ ފުރުސަތު މިއަދު ހަވީރު 4:00 އާ ހަމައަށް އޮންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި އެ މަސައްކަތް ކުރިއަށްދަނީ، އިލެކްޝަންސް ކޮމިޝަނުގެ މައި އިންތިހާބާ ބެހޭ މަރުކަޒު، ދަރުބާރުގޭގައި ކަމަށްވެސް ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ އިންތިހާބުގެ ވޯޓާސް ލިސްޓުގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ހައްގު ލިބިފައިވަނީ، 282،804 މީހަކަށް ކަމަށެވެ. ފުރަތަމަ ބުރުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވަނީ 282،395 މީހަކަށެވެ. އެހެންކަމުން 409 މީހަކަށް ވަނީ އަލަށް ވޯޓު ލުމުގެ ހައްގު ލިބިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު