ނެދަލޭންޑްގައި ކީރިތި ގުރުއާން ވީދި މައްސަލަ ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.

އެކަން ކުއްވެރިކޮށް ފޮރިން މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ވަނީ، މިމަހުގެ 23 ވަނަ ދުވަހު ނެދަލޭންޑްގެ ވެރިރަށް ދަ ހޭގުގައި ހުރި އިސްލާމީ ބައެއް ގައުމުގެ އެމްބަސީތަކުގެ ކުރިމަތީގައި ހިންގި ކީރިތި ގުރުއާން ވީ ދުމުގެ މައްސަލަ ހަރުކަށީ އިބާރާތުން ކުއްވެރި ކުރާ ކަމަށެވެ.

ފޮރިން މިނިސްޓްރީން ބުނީ ތަކުރާރުކޮށް މި ކަހަލަ އަމަލުތައް ހިންގުމަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި ކުރެވިދާނެ ކަންކަމުގެ ގޮތުގައި ގަބޫލުނުކުރާ ކަމަށެވެ. އަދި މި ކަހަލަ އަމަލުތައް ހުއްޓުވުމަށް ދައުލަތްތަކުން ގައުމީ ފެންވަރުގައި ގާނޫނާއި ސިޔާސަތުތައް ކަނޑައަޅައި ތަންފީޒުކުރަން ޖެހޭ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

މުސްލިމުންނާ ދެކޮޅަށް ނަފްރަތު އުފެއްދުމުގެ ގޮތުން ހިންގާ އެފަދަ އަަމަލުތައް ތަކުރާރުކުރިޔަ ނުދިނުމަށް ބައިނަލް އަގުވާމީ ޖަމާއަތްތަކުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ވެސް މިނިސްޓްރީ ވަނީ ގޮވާލައިފައެވެ.

އިސްލާމް ދީނާ ދެކޮޅު ގްރޫޕަކުން، ކީރިތި ގުރުއާން ވީދުމުގެ އަމަލު މިދިޔަ ހޮނިހިރު ދުވަހު ހިންގާފައި ވަނީ، ވީދަން ގެންގުޅުނު ހަތިމުތަކުގެ މައްޗަށް އެރުމަށްފަހުގައެވެ.

ކީރިތި ކުރުއާން ވީދީ، ދަހޭގްގައި ހުންނަ ތުރުކީ، ޕާކިސްތާނު، އިންޑޮނޭޝިއާ އަދި ޑެންމާކް އެމްބަސީ ހިމެނޭގޮތުން އެ އެމްބަސީތަކުގެ ކުރިމަތީގައެވެ.

އެފަދަ އަމަލުތަކަކީ މުސްލިމުންނަށް އިހާނެތިކޮށް ހިތައި މުސްލިމުންނާމެދު ނަފުރަތު އުފެއްދުމަށް ހިންގާ އަމަލުތަކެއް ކަމަށްވެސް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.