ކްރިކެޓް

އޮސްޓްރޭލިޔާއާ ދެކޮޅަށް ކުޅޭ އެއްދުވަހުގެ ސިލްސިލާގެ ދެވަނަ މެޗުންވެސް އިންޑިޔާ މޮޅުވެއްޖެ

އޮސްޓްރޭލިޔާގެ ކުރިކެޓް ޓީމު އިންޑިޔާއަށް ކުރާ ދަތުރުގައި ކުޅުމަށް ހަމަޖެހިފައިވާ ތިން މެޗުގެ ލިމިޓެޑް އޯވަރު ސިލްސިލާގެ ދެވަނަ މެޗު 99 ލަނޑުން އާދީއްތަ ދުވަހު ކާމިޔާބުކޮށް މި ސިލްސިލާއިންވެސް އިންޑިޔާ މޮޅުވެއްޖެއެވެ.

އިންޑިޔާގެ އިންދޫރުގެ ހޮލްކާރ ސްޓޭޑިއަމްގަައި އެންމެ ފުރަތަމަ ކުޅެން ނުކުމެ ފަންސާސް އޯވަރު ހަމަވިއިރު ފަސް ކުޅުންތެރިން ނުބައިވެގެން އިންޑިޔާއަށް ދެވުނީ 399 ލަނޑެވެ. މިއީ އެއްދުވަހުގެ ބައިނަލްއަގުވާމީ މެޗެއްގައި އޮސްޓްރޭލިޔާއާ ދެކޮޅަށް އިންޑިޔާގެ އެންމެ މަތީ ސްކޯއެވެ. އެންމެ ގިނަ ލަނޑު ހެދީ 90 ބޯޅައިން 105 ލަނޑު ހެދި އިޔާރ އާއި 97 ބޯޅައިން 104 ލަނޑު ހެދި ގިލްއެވެ.

ޖަވާބުގައި ކުޅެން އަރާފައި 28.2 އޯވަރު ތެރޭގައި އެންމެން ނުބައިވެގެން އޮސްޓްރޭލިޔާއަށް ދެވުނީ 217 ލަނޑެވެ. އެންމެ ރަނގަޅަށް ބެޓްކުރީ 54 ލަނޑު ހެދި އެބޮޓާއި 53 ލަނޑު ހެދި ވޯނަރއެވެ. އިންޑިޔާއިން އެންމެ ރަނގަޅަށް އުކާފައިވަނީ އަޝްވިން އާއި ޖަދޭޖާއެވެ. މިއިން ކޮންމެ މީހަކު ތިން ވިކެޓް ނަގާފައިވެއެވެ.

މިއީ އެއްދުވަހުގެ ބައިނަލްއަގުވާމީ ކުރިކެޓްގައި އޮސްޓްރޭލިޔާ ވިދިވިދިގެން ބަލިވި ފަސްވަނަ މެޗެވެ. އިންޑިޔާއާ ދެކޮޅަށް ކުޅޭ ސިލްސިލާގެ އެންމެފަހު މެޗު ކުޅޭނީ މިމަހުގެ ހަތާވީސް ވަނަ ދުވަހު ރާޖްކޮޓްގައެވެ. މި ސިލްސިލާގެ ފުރަތަމަ މެޗު މޮހާލީގައި މިމަހުގެ ބާވީސްވަނަ ދުވަހު ފަސްވިކެޓުން ކާމިޔާބުކުރީ އިންޑިޔާއެވެ. މި ސިލްސިލާއަށްފަހު ދެން މި ދެ ޓީމަށްވެސް އޮތީ އަންނަމަހު އިންޑިޔާގައި ފަށާ ވޯލްޑްކަޕެވެ.