އެމްއެންޑީއެފުގެ ހުއްދަނެތި އުތުރުތިލަފަޅުގެ ބަނދަރަށް ވަދެ ބަނދަރުގެ ބައެއް ވީޑިއޯކުރި މައްސަލައިގައި "ދިޔަރެސް" ނޫހުގެ ނޫސްވެރިންނަށް ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާނެ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭންގެ ތެރެއިން މާލޭގައި ރޭ ބޭއްވި ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެފައިވަނީ މާލޭ ރައްޔިތުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ ސިޔާސަތު، ބިންވެރިޔާ އަދި ގެދޮރުވެރިޔާ ޕްރޮގްރާމުގެ ދެވަނަ ފިޔަވަހިން ގޯއްޗާއި ފުލެޓް ދޫކުރުމަށް ހަމަޖެހިފައިވަނީ އުތުރުތިލަފަޅުން ކަމަށެވެ.
"ދިޔަރެސް" ނޫހުގެ ދެ ނޫސްވެރިއަކާއި އިތުރު މީހަކު ވަނީ މިއަދު ލޯންޗެއްގައި އުތުރުތިލަފަޅަށް ގޮސް އެ ތަނަށް ވަނުމަށް މަސައްކަތްކޮށްފައެވެ. ނަމަވެސް އެތަނުގައި ހުރި އެމްއެންޑީއެފުގެ މީހަކު ވަނީ އެ ތަނަށް ނޭރެނޭ ކަމަށާއި ފޮޓޯ އަދި ވީޑިއޯ ނުކުރެވޭނެ ކަމަށް ބުނެފައެވެ. އެއިރު ލޯންޗުގައި ހުރި މީހަކު ވަނީ އުތުރުތިލަފަޅުން ގޯތި ދިނުމަށް ރައީސް ސޯލިހު ނިންމަވާފައިވާ ކަމަށާއި އެހެންވެ ގޯތި ދޭތަން ބަލައިލަން ބޭނުންވާ ކަމަށް ބުނެފައެވެ.
އެމްއެންޑީއެފުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ އިދާރާގެ މަރުކަޒުތަކަކީ އެ މުއައްސަސާގެ ހުއްދަނެތި ވަނުން މަނާ ތަންތަން ކަމަށެވެ. އަދި އެ މުއައްސަސާގެ ހުއްދަނެތި މަރުކަޒުތަކަށް ވަންނަ މީހުން ހުއްޓުވުމަކީ ސިފައިންގެ ގާނޫނާއި ގަވާއިދުތަކުން ލާޒިމުކޮށްފައިވާ ކަމެއް ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެގޮތުގެ މަތިން ދިޔަރެސް ނޫހުގެ ނޫސްވެރިން އުތުރުތިލަފަޅަށް އަރަން އުޅުމުން އެމްއެންޑީއެފް ބޭކަލަކު ވަނީ އެ މީހުން ހުއްޓުވާފައި ކަމަށް ބުންޏެވެ.
"ވީމާ، އެމްއެންޑީއެފުގެ ހުއްދަނެތި އެމްއެންޑީއެފުގެ މަރުކަޒަކަށް ވަނުމަށް މަސައްކަތްކުރި ކުރުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ އަދި އެހާމަ ސީރިއަސް މައްސަލައެއްކަމުގައި ދެކޭތީ، މި ފަރާތްތަކާ މެދު ގާނޫނާއި ގަވާއިދުގެ ތެރެއިން ފިޔަވަޅު އަޅުއްވައިދެއްވުމަށް އެ މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާނެ ވާހަކަ ދަންނަވަމެވެ..،" އެމްއެންޑީއެފުން ބުންޏެވެ.
ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް އެ ގައުމެއްގެ އަސްކަރީ މަރުކަޒަކަށް ހުއްދަ ނެތި ވަންނަން އުޅުމަކީ އަދި ވަނުމަކީ ސީރިއަސް މައްސަލައެއް ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އަދި ބައެއް ގައުމުތަކުގައި ހުއްދަނެތި އަސްކަރީ މަރުކަޒުތަކަށް ވަންނަން އުޅެ މީހުންނާ ދެކޮޅަށް ހަތިޔާރު ބޭނުންކުރާ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.
ހުއްދަ ހޯދުމެއް ނެތި އުތުރުތިލަފަޅަށް އަރަން އުޅުމަކީ ގާނޫނާއި ގަވާއިދާ ހިލާފު އަދި ސިފައިންގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކަށް ހުރަސް އެޅުމަށް ހިންގާފައިވާ ދަށުދަރަޖައިގެ އަމަލެއް ކަމަށާއި އުތުރުތިލަފަޅުގެ މަސައްކަތް ބަލައިލަން ބޭނުންވާ މީޑިއާތަކަށް މިފަހުން ވެސް ހުއްދަ ދީފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ސިފައިންގެ ވާޖިބަށާއި މަސްއޫލިއްޔަތުތަކަށް ހުރަސް ނޭޅުމަށާއި ސިފައިންނާ ގުޅޭގޮތުން ހަގީގަތާ ހިލާފު ދޮގު ވާހަކަތައް ނުފެތުރުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.