އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ރީ-ރަޖިސްޓްރޭޝަނާ ގުޅިގެން ޝަކުވާ ހުށަހަޅަން ހުޅުވާލި މުއްދަތުގައި 361 ޝަކުވާ ހުށަހަޅާފައިވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ދެވަނަ ބުރުގައި ރީ-ރަޖިސްޓްރީ ކުރަން ހުށަހެޅި 50,047 ފޯމުގެ ތެރެއިން ތެރެއިން ސައްހަވީ 38،763 ފޯމު ކަމަށެވެ. އަދި 11،284 ފޯމުގެ ސައްހަކަން ކަށަވަރުކުރެވިފައި ނުވާ ކަމަށް ވިދާޅުވިއެވެ.
"ރީ-ރަޖިސްޓަރީ ކުރަން ހުށަހެޅި ފޯމުތަކާ ގުޅޭ ގޮތުން، އިލެކްޝަންސް ކޮމިޝަނުން 48 ގަޑިއިރުގެ ޝަކުވާގެ މުއްދަތެއް ހުޅުވާލުމާ ގުޅިގެން އިލެކްޝަންްސް ކޮމިޝަނަށް ވަނީ 361 ޝަކުވާ ލިބިފައި," ހަބީބް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޝަކުވާގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ރިޖެކްޓް ކުރި ފޯމުތަކާ ގުޅޭ ޝަކުވާ ކަމަށާއި އެ މީހާއަށް ނޭނގި އެ މީހާގެ ނަމުގައި ސައްހަ ނޫން ފޯމު ހުށަހަޅައިގެން ލިބިފައިވަނީ މަދު ޝަކުވާއެއް ކަމަށެވެ. ނަމަވެސް އެފަދަ ކިތައް ޝަކުވާ ހުށަހަޅާފައިވާ ކަމެއް ވިދާޅެއް ނުވެއެވެ.
ހަބީބް އިތުރަށް ވިދާޅުވީ، ލިބުނު ޝަކުވާތަކަށް އީސީން ޖަވާބު ދެމުން އަންނަ ކަމަށާއި ވޯޓުލާ މީހުންގެ ފައިނަލް ލިސްޓު މިއަދު އިއުލާނު ކުރާނެ ކަމަށެވެ. އެގޮތުން ދެވަނަ ބުރުގެ ވޯޓު ދިނުމުގެ ހައްގު ލިބިގެންވަނީ 282،803 މީހުންނަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު