މާލޭގައި ދިރިއުޅޭތާ 20 އަހަރަށްވުރެ ގިނަ ދުވަސްވީ މީހުންނާއި ދަފުތަރުގައި ރަޖިސްޓްރީވެފައިވާ 20 އަހަރުވީ މީހުންނަށް ގޯތި ދޭނީ އުތުރުތިލަފަޅުން ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މިދިޔަ އަންގާރަ ދުވަހު ގަލޮޅު ކަންމަތީގައި ބޭއްވި ޖަލްސާގައި ރައީސް ސޯލިހު ވަނީ، 20 އަހަރަށްވުރެ ގިނަ ދުވަހު މާލޭގައި ދިރިއުޅޭ އެންމެންނަށް ގޯއްޗާއި ފުލެޓު ދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. އަދި އެކަމުގެ ސިޔާސަތުތައް ކަނޑައަޅުއްވާފައިވާނެ ކަމަށާއި ދެން އޮތީ އެކަން ފައިނަލްކޮށް، އިއުލާންކުރުން ކަމަށް އެ ދުވަހު ވިދާޅުވިއެވެ.
އޭގެ ފަހުން ސަރުކާރުން މިއަދު ވަނީ، ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދެވަނަ ބުރަށް 6،000 ފްލެޓާއި 4،500 އަށްވުރެ ގިނަ ގޯއްޗަށް ހުޅުވާލަން ނިންމާފައިވާ ކަމަށް ބުނެފައެވެ.
ސޯސަން ޖަގަހައިގައި މިރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ދޭން ދެ ސްކީމެއް ހުޅުވާލި އިރު، ދެން އޮތީ މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް ބިން މިލްކުކުރުމަށް ހުޅުވާލެވޭ ސްކީމެއް ކަމަށެވެ.
"އެ ސްކީމުގައި މާލޭގެ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭތާ 20 އަހަރުވީ މީހުންނާއި ދަފްތަރުގައި ރަޖިސްޓްރީވެފައިވާ 20 އަހަރުވީ މީހުންނަށް ތަފާތުކުރުމެއް ނެތި، އެ ސްކީމުގައި ބައިވެރިވެ ބިން މިލްކުކުރުމުގެ ފުރުސަތު ލިބިގެންދާނެ. އެކަމަށް އަޅުގަނޑުމެން ނިންމާފައި އޮތް އެއް ފަޅަކީ އެ ވިދާޅުވާ އުތުރުތިލަފަޅު. އެތަނުގައި ދިވެހިން ދިރިއުޅޭނީ. ބޭރު މީހުންނެއް ނޫން ދިރިއުޅޭނީ. މާލެއިން ވިލިމާލެއަށް، ގުޅިފަޅުން ތިލަފުއްޓަށް، ތިލަފުށި، ގިރާވަރު ފަޅަށް، ގިރާވަރު ފަޅުން އުތުރުތިލަފަޅަށް ބްރިޖުން އެތަން ގުޅިގެންދާނެ،" ރައީސް ވިދާޅުވިއެވެ.
އުތުރުތިލަފަޅަކީ ރާއްޖޭގެ ކޯސްޓް ގާޑުގެ ކެރިކުޅަދާނަކަން އިތުރުކުރުމަށްޓަކައި އިންޑިއާގެ އެހީގައި "ސިފަވަރު"ގެ ނަމުގައި ގާއިމުކުރާ ކޯސްޓްގާޑް ބަނދަރާއި ސާވިސް ޑޮކްޔާޑު ތަރައްގީ ކުރަމުން އަންނަ ފަޅެވެ.
ޚަބަރު
ޚަބަރު
ޚަބަރު