ރިޔާސީ އިންތިހާބުގެ ކެންޕެއިންގައި ރައްޔިތުންނަށް އޭނާ ހުށަހަޅާ ކަންކަން ފުއްދަވައިނުދެވިދާނެކަމުގެ އެއްވެސް ކަންބޮޑުވުމެއް ނެތްކަމުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ގިރާވަރު ކޮމިޓީއާއެކު މިރޭ ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ، އޭނާ ވައުދުތައް ވެވަޑައިގަންނަވަނީ އެ ވައުދެއް ފުއްދަވާނެ ގޮތް އެނގިވަޑައިގަންނަވާތީ ކަމަށެވެ.
"އަޅުގަނޑު ރައްޔިތުންނަށް މި ހުށަހަޅާ ކަންކަން ފުއްދައިނުދެވިދާނެކަމުގެ އެއްވެސް ކަންބޮޑުވުމެއް ނެތް. އިރާދަކުރެއްވިއްޔާ ފުއްދައިދޭނަން" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ، އެންމެ މުހިންމު ކަމަކީ ރާއްޖޭގެ މިނިވަންކަން ދިފާއުކުރުން ކަމަށާއި ގެދޮރުވެރިކަމާއި އެހެން ކަންކަން އަންނާނީ އެއަށް ފަހުގައި ކަމަށެވެ. އަދި ރާއްޖޭގެ މިނިވަންކަން މިހާރު އޮތީ ވަރަށް ނުރައްކާ ހާލަތެއްގައި ކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުން އުތުރުތިލަފަޅަށް މިހާރު ދިވެހީންގެ ބާރެއް ނުހިނގާ ކަމަށާއި ދިވެހި ސިފައިންނަށްވެސް އެތަނަށް އެރެނީ އިންޑިއާގެ އަސްކަރިއްޔާއިން ހުއްދަ ހޯދައިގެން ކަމަށް ވިދާޅުވިއެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ، އޭނާގެ ކެބިނެޓެއްގައި ތިއްބަވާނީ ކަންކަން ކުރެވޭ ތައުލީމީ ގާބިލު ބޭފުޅުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު